ޚަބަރު

ޖަރީމާތަކަށް ޔަހޫދީން ޖަވާބުދާރީކުރުވުމަށް ރާއްޖެއިން ގޮވާލައިފި


  • މިއީ ސުލްހަ ޤާއިމްކުރުމަށް އެޅޭ ހުރަހެއްކަމަށް ސަރުކާރުން ވިދާޅުވި

  • ޔަހޫދީ ދައުލަތް ޖާވާބުދާރީކުރުވަން މަސައްކަތް ކުރުމަށް ސަރުކާރުން ގޮވާލާފައިވޭ

ބައިނަލްއަގުވާމީ ޤާނޫނުތަކާއި ޚިލާފަށް ތަކުރާރުކޮށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް ޔަހޫދީން ޖަވާބުދާރީކުރުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމަަށް ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ މުޖްތަމައުއަަށް ގޮވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ނެރުނު ބަޔާނުގައި ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ލުބުނާނުގެ ބައެއް ސަރަޙައްދުތަކަށް ދިން އަނިޔާވެރި ހަމަލާތަކުގައި އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ޒަޚަމްވެފައިވާކަމަށެވެ. ފާޅުކަން ބޮޑު ގޮތެއްގައި ހިންގާ މިފަދަ ޖަރީމާތަކުގެ ސަބަބުން، ދައިމީ ގޮތެއްގައި ސަރަޙައްދީ ސުލްހައާއި ހަމަޖެހުން ޤާއިމްކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމަށާއި ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ވިދާޅުވިއެެވެ.

ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ޔަހޫދީ ދައުލަތުން ހިންގަމުންދާ އަމަލުތަކަށް އެ ޤައުމު ޖަވާބުދާރީކުރުވުމަށް، ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

މި ބަޔާން ނިންމާލަމުން ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ސަރުކާރާއި ރައްޔިތުން ތިބީ ލުބުނާނުގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށެވެ. އަދި ލުބުނާނުގެ މިނިވަންކަމާއި، ސަލާމަތާއި، އެ ގައުމުގެ އިސްތިގުލާލާއި ބިމުގެ ސިޔާދަތީ ބާރު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން ވަނީ ދީފައެވެ.

ލުބުނާނުގެ ބައިބޯ 100އެއްހާ ސަރަޙައްދަށް ދިހަ މިނެޓުގެ ތެރޭގައި ޔަހޫދީން ގިނަ ޙަމަލާތަކެއް ދީފައިވެއެވެ. އެއީ މިިދިޔަ ފެބްރުއަރީ މަހުގެ 28ވަނަ ދުަވަހު މެދުއިރުމަތީ ހަނގުރާމަ ފެށުނު ފަހުން ޔަހޫދީން ލުބުނާާނަށް މިހާތަނަށް ދީފައިވާ އެންމެ ވަރުގަދަ ޙަމަލާތަކެވެ.