މިމަހުގެ 4 ވަނަ ދުވަހުގެ ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެކި ދާއިރާތަކަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވިދާޅުވެއްޖެއެވެ.
އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާ ކުރުމުގެ ތާރީޚު ކަނޑައަޅާފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު ދަށުން އެންމެ ފަހުން ކައުންސިލަރުން ހުވާކުރިތާ 5 އަހަރު ހަމަވާ ދުވަހަށް ރިޢާޔަތްކޮށެވެ. މިހާރު ތިބި ކައުންސިލަރުންގެ ހުވާކޮށްފައިވަނީ 17 މޭއި 2021 ގައި ކަމުން އައު ދައުރަށް ކައުންސިލަރުން ހުވާކުރާނީ މިއަންނަ މަހުގެ 17 ގައި ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ކައުންސިލަރުންނާއެކު، ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތައްވެސް ވަނީ އިންތިޚާބުކޮށްފައެވެ. ނަމަވެސް މި ކޮމެޓީތަކުން ހުވާ ނުކުރާނެއެވެ. އޭގެ ބަދަލުގައި އެކޮމެޓީތަކުގެ މެންބަރުން އެދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން އިޤްރާރުގައި ސޮއިކުރާނެއެވެ.
މި ރަސްމީއްޔާތުތައް ކުރިއަށްގެންދާނެ ގޮތުގެ އިންތިޒާމު ހަމަޖެއްސުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން ކުރަމުންދާ މަސައްކަތް ޕީއެސްއެމް ނިއުސްއާ ހިއްސާކޮށް އެއިދާރާއިން ވިދާޅުވީ، އަދި މިހާތަނަށް އިންތިޚާބުގެ ދައިމީ ނަތީޖާ އިއުލާންކޮށްފައި ނުވިނަނަމެވެސް، އިންތިޚާބު ބޭއްވުމާއެކު ކައުންސިލްތަކުގެ އިންތިޤާލީ މަރުހަލާ މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިހާރު ކައުންސިލްތަކުގެ 5 ވަނަ ދައުރަށް ކައުންސިލަރުން ހުވާކުރުމަށް، އިންތިޒާމުތައް ހަމަޖައްސަން ފޯކަލް ޕޮއިންޓްތައް ހޯދުމަށް ކައުންސިލްތަކަށް އަންގާފައިވާ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
އެލްޖީއޭއިން ވިދާޅުވީ، މިފަހަރުގެ ހުވާކުރުމުގެ ރަސްމީއްޔަތުތައް ބޮޑުކޮށް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މެޖިސްޓްރޭޓުން ރަސްމިއްޔާތުތަކަށް ހަމަޖެއްސުމަށްވެސް މަސައްކަތް ފަށާފައިވާ ކަމަށާއި، އެރަށެއްގައި މެޖިސްޓްރޭޓަކު ނެތްނަމަވެސް، ކައިރި ރަށަކުން މެޖިސްޓްރޭޓް ހަމަޖައްސައިގެން ރަސްމީއްޔާތު ކުރިއަށްގެންދާނެ ކަމަށެވެ. މީގެ އިތުރުން ހާލަތަށް ބަލައި އޮންލައިންކޮށް ރަސްމިއްޔާތު ބާއްވަން ޖެހިއްޖެ ނަމަ އެކަމަށްވެސް ތައްޔާރުވާނެ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވޯޓްލާފައިވެއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ވޯޓުލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން ދަނީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާން ކުރުމަށް، މަސައްކަތް ކުރަމުންނެވެ.