ޚަބަރު

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި 2 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން

  • ދެމީހުންވެސް 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ.

މިދެ މީހުންނަކީ 2ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މިމަހުގެ 1ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ދެ މީހުންކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށްއަމުރުކޮށްފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާއި ގުޅުންހުރި އިދާރާތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.