ބޯހިޔާވަހިކަމުގެ މައްސަލައަކީ، މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. މި މައްސަލައަށް ޙައްލެއް ގެނައުމަށް ސަރުކާރުން އަންނަނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދަމުންނެވެ.
ތަރައްޤީގެ މިންގަނޑުން ބަލާއިރު ސަރުކާރުގެ ސިޔާސަތަކީ ގެދޮރުވެރިކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެގޮތުން ސަރުކާރުން އެކުލަވާލާ ޕްލޭންގެ ދަށުން، އެންމެ ގިނަ ފްލެޓްތަކާއި ހައުސިން ޔުނިޓުތައް އެޅިގެންދާނެ އެއް ސަރަޙައްދަކީ ހުވަދު އަތޮޅުގައި ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ހުވަދުއަތޮޅަށް ބަލާއިރު، އާބާދީގެ ނިސްބަތުންނާއި އަދި ރަށުގެ ބޮޑުމިނަށް ބެލިކަމުގައިވީ ނަމަވެސް އެންމެ ބޮޑު އެއް ރަށަކީ، ތިނަދޫ ސިޓީއެވެ. ތިނަދޫ ސިޓީގައި މިހާރު ދިރިއުޅޭ ފަރާތްތަކުގެވެސް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، ގެދޮރުވެރި ކަމުގެ ކަންބޮޑުވުމެވެ. މި މައްސަލައަށް ޙައްލެއް ގެނައުމަށް މިދިޔަ މާރިޗު މަހުގެ 23ވަނަ ދުވަހު ވަނީ، މިރަށުގައި 50 ޔުނިޓު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައެވެ.
ތިނަދޫ ސިޓީގައި 50 ހައުސިން ޔުނިޓު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ، 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓެވެ. މި މަޝްރޫޢުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، ސްވިފްޓް އިންޖިނިއަރ ޕްރައިވެޓް ލިމިޓެޑާއެވެ.
މީގެއިތުރުން، މިހާރު އެރަށުގައި އިމާރާތް ކޮށްފައިވާ 200 ހައުސިން ޔުނިޓަށް ޖުމްލަ 1022 ފަރާތަކުން އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އިމާރާތް ކުރުމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް މިހާރު ވުޒާރާއިން ކުރަމުންދާ ކަމަށް ވިދާޅުވެއެވެ.
އަދި އެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ނިމުމާއެކު، އެ 200 ހައުސިން ޔުނިޓްތައް ލިބޭ ފަރާތްތައް ކަނޑައަޅާ އެ ވުޒާރާއިން އާންމުކޮށް އިއުލާނުކުރާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. މި މަޝްރޫޢޫގެ ޢަމަލީ މަސައްކަތް މިހާރުވެސް ތިނަދޫގައި އަންނަނީ ކުރަމުންނެވެ.
ތިނަދޫ ސިޓީގައި އަލަށް އިމާރާތްކުރާ 50 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ނިމުމާއެކު، އެ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަަބޫލުކުރައްވައެވެ.
ތިނަދޫގައި 200 ރޯހައުސް ތަރައްޤީކުރުމުގެ މަސައްކަތް ފެށީ 2022 ވަނަ އަހަރުގައެވެ. މިއީ ތިން ކޮޓަރީގެ ރޯހައުސްތަކެކެވެ.