ޚަބަރު

ދެކުނު އޭޝިއާ މުބާރާތުން މެޑަލް ހޯދޭނެ: ޒުވާން ޤައުމީ ޓީމު


  • މުބާރާތް އޮންނާނީ އޭޕްރީލު 8 ން 11 އަށް އިންޑިއާގައި

  • ރާއްޖޭގެ ޓީމުން ވާދަކުރަނީ، ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ 4 އިވެންޓެއްގައި

  • މި މުބާރާތަކީ އޭޝިއަން ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޮވުމަށް ބާއްވަ ކޮލިފިކޭޝަން

ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން މެޑަލް ހޯދޭނެ ކަމުގެ އުންމީދު އެބައޮތްކަމަށް ރާއްޖޭގެ ޒުވާން ޓީޓީ ޓީމުން ބުނެފިއެވެ.

އިންޑިއާގެ ޝިމްލާގައި އޭޕްރީލު 8 ން 11 އަށް އޮންނަ މި މުބާރާތަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ކުޅުންތެރިން ބުނީ މިއަހަރުގެ ތައްޔާރީތަކާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

ސައުތު އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ވާދަކުރާ ފިރިހެން ޓީމުގައި ހިމެނެނީ މުހައްމަދު ހަލަފް ރާފިއު، އައްޔޫބު އިޒްކާން ސަލީމު، ފާޒް އިމްޔާޒް ލަތީފް، އަވުން އިބްރާހިމް ލަތީފް، މުހައްމަދު އާލް އިމްރާނެވެ. އަންހެން ޓީމުގައި ހިމެނެނީ ފާތިމަތު ދީމާ އަލީ، އައިޝަތު އަލްސާ ނާފިޒު، މިޝްކާ މުޙައްމަދު އިބްރާހިމް، ސާރާ މޫސާ ޖަމީލު އަދި އައިޝަތު މަލަކް ތަސީންއެވެ.

ޤައުމީ ޓީމުގެ ކޯޗު، އީރާނުގެ މަހްދީ ހޮޝްމަރަމް އާއި އީރާނުގެ ދެ ކުޅުންތެރިންނާއެކު ރާއްޖޭގެ ސީނިއާ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި، އެސޯސިއޭޝަނުގެ ތަޖުރިބަކާރު ކޯޗުންގެ އެހީގައި ބޭއްވި ފަރިތަކުންތަކަށް ފަހު ހަލަފް ބުނީ އުންމީދަކީ މި މުބާރާތުގައި މެޑަލް ހޯދުން ކަމަށާއި، މިފަހަރު ކުރީ މުބާރާތަށް ވުރެ ރަނގަޅުވާނެ ކަމަށެވެ.

ފާއިތުވި 3 އަހަރު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ހަލަފް ބުނީ، ރޯދަމަހު ބޭއްވި ސިލެކްޝަން މެޗުތަކަށްފަހު، މުބާރާތަށް ތައްޔާރުވުމުގެ ގޮތުން 3 ހަފްތާގެ ފަރިތަކުރުންތަށް ކުރިޔަށް ގެންދެވުނު ކަމަށެވެ. އަދި އެ ފަރިތަކުރުންތަކުގައި ބޮޑަށް ބެލީ މެޗު ޕްރެކްޓިސް ގިނަ ކުރުމަށް ކަމަށެވެ.

އެގޮތުން ހަލަފް ވަނީ އީރާންގެ ދެ ކުޅުންތެރިންނާއެކު ގިނަ މެޗުތަކެއް ކުޅެފައެވެ. އަދި ސީނިއާ ޓީމުގެ ކުޅުންތެރިންނާއެކުވެސް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މެޗުތައް ކުޅުނު ކަމަށް ހަލަފް ބުންޏެވެ.

"އުންމީދަކީ މުބާރާތުން މެޑަލް ރާއްޖެއަށް ގެނެސްދެވޭތޯ. މިފަހަރު ކުރީ މުބާރާތަށްވުރެ ރަނގަޅުވާނެ. މުބާރާތަށް ތައްޔާރުވުމަށް އީރާނު ކުޅުންތެރިންނާއި ސީނިއާ ޓީމުގެ ކުޅުންތެރިން އަދި އަޅުގަނޑުމެންހެ ޓީމުގެ ހުރިހާ ކުދިންވެސް އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވި، އެސޯސިއޭޝަނާއި ބެލެނިވެރިންވެސް ވަރަށް ބޮޑަށް އެއްބާރުލުން ދިން" ހަލަފް ބުންޏެވެ.

މުބާރާތުގެ ތައްޔާރީތަކާއި ގުޅޭ ގޮތުން އަލްސާ ބުނީ ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕަށް ފުރުމުގެ ކުރިން ކޮންމެ ދުވަހެއްގެ ދެގަޑިއަކަށް ފަރިތަކުރުންތައް ބޭއްވި ކަމަށެވެ. އަދި އެފަރިތަކުރުންތަކާއި މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. އަލްސާ ބުނީ މިފަދަ ބައިނަލްއަގްވާމީ މުބާރާތަކީ ފެންވަރު މަތިކުރުމަށް ވަރަށް މުހިންމު މުބާރާތްތަކެއް ކަމަށެވެ.

"ބައިނަލްއަގްވާމީ މުބާރާތްތަކަށް ގޮއްސަ ވަރަށް ގިނަ ތަފާތު ސްޓައިލްގެ ކުދިންނާއެކީގައި ކުޅެން ލިބޭ، ރާއްޖެއަށް ބަލާފަ އެހެންގައުމުތަކުގެ ކުދިން ގިނަ. އެހެންވީމަ ބައިނަލްއަގްވާމީ މެޗުތައް ހަމަ ވަރަށް މުހިންމު" އަލްސާ ބުންޏެވެ.

މި މުބާރާތުގައި ރާއްޖޭގެ ޓީމުން ވާދަކުރަނީ، ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސްގެ 4 އިވެންޓެއްގައެވެ. މި މުބާރާތަކީ އޭޝިއަން ޗެމްޕިއަންޝިޕަށް ކުޅުންތެރިން ހޮވުމަށް ބާއްވަ ކޮލިފިކޭޝަނެވެ.

މިއީ މިއަހަރު އޮމާންގައި އޮންނަ އޭޝިއަން ޗެމްޕިއަންޝިޕުގެ ކޮލިފިކޭޝަނެވެ. 30 ވަނަ އޭޝިއަން ޔޫތް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް އޮންނާނީ ޖޫން 21 -27 އަށް މަސްކަޓްގައެވެ.