ވިދިވިދިގެން ތިން ވަނަ ފަހަރު ވޯލްޑް ކަޕަށް ކޮލިފައިނުވެ އިޓަލީ ކެޓުމުން ކޯޗު ގެނާރޯ ގަޓޫސޯ ވެސް މަގާމުން އިސްތިއުފާ ދީފި އެވެ.
ކުރީގެ ވަރުގަދަ މިޑްފީލްޑަރު އިސްތިއުފާ ދިނީ ޓީމާއެކު މަޑުކޮށްދިނުމަށް ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ކަމުން މީގެ ދެ ދުވަސް ކުރިން އިސްތިއުފާ ދެއްވި ގަބްރިއެއްލާ ގްރަވީނާ އެދިލައްވާފައި ވަނިކޮށެވެ.
ގަޓޫސޯގެ ކުރިން ގައުމީ ޓީމުގެ ޑެލިގޭޝަނުގެ އިސްވެރިޔާ އަދި އޭނާއާއެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް އިޓަލީ އަށް ކާމިޔާބު ކޮށްދިން ކެޕްޓަން އަދި ކީޕަރު ޖިއާންލުއިޖީ ބުފޮން ވެސް ވަނީ އިސްތިއުފާ ދީފަ އެވެ.
"އަހަރެންގެ އެންމެ ހާއްސަ އެއްޗަކީ އިޓަލީގެ ނޫ ޖާޒީ. އެއީ ފުޓްބޯޅައިގެ އެންމެ އަގުހުރި އެއް ޖާޒީ. އެކަމަކު ކަންތައްތައް މިވީ ގޮތުން އެންމެ ރަނގަޅު ގޮތަކީ ދެން އަންނަ ޓެކްނިކަލް ޓީމަކުން ބޭނުންވާ ކޯޗަކު އިހްތިޔާރު ކުރަން ފުރުސަތު ދިނުން. މިހެންވެ އަހަރެން ނިންމީ އަހަރެންގެ ތަޖުރިބާ ގައުމީ ޓީމާއެކު ހުއްޓާލަން،" ގަޓޫސޯ ބުންޏެވެ.
ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ވޯލްޑް ކަޕަށް ކޮލިފައިނުވެ ދިޔަ މިއީ ވިދިވިދިގެން ތިން ވަނަ ފަހަރެވެ. ޖޫން މަހު އެމެރިކާގައި އޮންނަ މުބާރާތުން އިޓަލީ ކެޓީ ޕްލޭއޯފްގައި ބޮސްނިއާ އަތުން ބަލިވުމުންނެވެ. މިކަމާ ގުޅިގެން ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވީ މިއީ އިޓަލީގެ ފުޓްބޯޅައިގެ ނިޒާމް ބަދަލު ކުރަން އެންމެނަށް ފެންނަން އޮތް ވަރަށް ސާފު ހެއްކެއް ކަމަށާއި ބަދަލުތައް ފަށަން ޖެހެނީ ލީޑަރޝިޕާ ހިސާބުން ކަމައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ ޖޫން މަހު ބާއްވާ އިޓަލީގެ ފުޓްބޯޅައިގެ އައު އިންތިހާބަށް ފަހު ކޯޗުކަމަށް އައުން އެންމެ ގާތީ 2021 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކޮށްދިން ކޯޗު ރޮބާޓޯ މަންޗިނީ އެވެ. އޭނާގެ އިތުރުން ޔުވެންޓަސްގެ ކޯޗު މަސިމިލާނޯ އަލެގްރީ އާއި ނާޕޮލީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަކީ ކެނޑިޑޭޓުންނެވެ.