މުނިފޫހިފިލުވުން

އައިޑަލްގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ސިމްޑީ ގްރޫޕާއި ވިލާ ކޮލެޖް


މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްއާއެކު މިއަދު ސޮއިކޮށްފިއެވެ. މި ދެ ކުންފުންޏާއެކު ޕީ.އެސް.އެމުން ސޮއިކުރީ ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ކޯ-ސްޕޮންސަރ ޕްލަސްއަކަށް ސިމްޑީ ގްރޫޕް އަދި ވިލާ ކޮލެޖް ހަމަޖެއްސުމުގެ އެއްބަސްވުމުގައި ޕީ.އެސް.އެމްގެ ފަރާތުން ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދެވެ. ސިމްޑީ ގްރޫޕްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މިޝަލް އިބްރާހީމް މުޙައްމަދު ދީދީއެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެތަނުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.

img:http://s4.psmnews.mv/images/660x400/14750523554930.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2ގެ ކޯ-ސްޕޮންސަރ ޕްލަސްގެ އެއްބަސްވުމުގައި ސޮއިކުރުން- ފޮޓޯ: ޕީއެސްއެމް

މި ދެތަނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ދޭއް މެދުވެރިކޮށް ސްޕޮންސަރުންނަށް އެބޭފުޅުންގެ ވިޔަފާރިތަކާއި، އެބޭފުޅުންގެ ޕްރޮޑަކްޓުތައް، އާއްމުންނާއި ހަމައަށްގެނެސްދިނުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި މި ސޮއިކުރެވުނު އެއްބަސްވުމާއެކު، އައިޑަލް ސީޒަން 2 ގެ ކޯ-ސްޕޮންސަރ ޕްލަސްގެ އަދަދު ފަހަކަށް އަރާފައިވާކަމަށެވެ.

ކޯ-ސްޕޮންސަރ ޕްލަސްގެ ގޮތުގައި ސޮއިކުރި ދެ ފަރާތުގެ ތެރެއިން ސިމްޑީ ގްރޫޕުން ރާއްޖެ އެތެރެކޮށް މާކެޓްކުރާ އިންޑިއާގެ އުފެއްދުމެއްކަމަށްވާ ދުނާރު ބާސްމަތީ ރައިސް، އަދި އިޓަލީ ވިލާތުގެ މަޝްހޫރު ޕާސްތާ ބްރޭންޑެއްކަމަށްވާ ޕާސްތާ ގަރަފާލޯ މިފަހަރުގެ ޝޯވގެ ތެރެއިން ޕްރޮމޯޓްކުރުމަށް ނިންމާފައިވެއެވެ. އަދި ވިލާ ކޮލެޖްގެ ފަރާތުންވެސް އައިޑަލް ޕްރޮމޯޓް ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް ވަނީ ރާވާފައެވެ.

މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިހާރުވެސް ހުޅުވާލާފައިވާއިރު، ސީޒަން ދޭއްގެ ޖަޖުންނާއި ޕްރެޒެންޓަރުން ހޯދުމުގެ ކަންކަން ޕީ.އެސް.އެމްގެ ފަރާތުން މިހާރު ދަނީ ކުރަމުންނެވެ.