އާރްޑީސީން ދާދިފަހުން ގެނައި ބަރު އުޅަނދުތަކާއި މެޝިނަރީތަކާއެކު އެންމެ އިސްކަންދޭނީ ގުޅީފަޅުގެ މަސައްކަތްތައް ފަށައިގަތުމަށްކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ދުވެލި ހަލުވިކުރުމުގެ ގޮތުން އާރްޑީސީން ވަނީ ގިނަ އަދަދެއްގެ ބަރު އުޅަނދާއި މެޝިނަރީޒް މިމަހުގެ 2 ވަނަ ދުވަހު ގެނެސް އެތަކެތި ދައްކާލާފައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ އެ ކުންފުނިން އަލަށް ގެނެސްފައިވާ އުޅަނދުތަކަކީ އެންމެ ޒަމާނީ ފެންވަރަށް އުފައްދާފައިވާ އުޅަނދުތަކެއްކަމަށާއި މަސައްކަތް ކުރިއަށްގެންދިޔުމުގެ އިތުރަށް އަވަހަށް މަސައްކަތްތައް ނިންމާލުމަށްވެސް ފަސޭހަވާނެކަމަށެވެ. ގުޅީފަޅުގެ ބައެއް މަގުތައް ތަރައްޤީކުރުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ނިންމާފައިވާކަން ފާހަގަކުރައްވާ ނަޒީމް ވިދާޅުވީ އެންމެ އިސްކަމެއް ދޭނީ ގުޅީފަޅުގެ މަސައްކަތްތައް ފަށައިގަތުމަށްކަމަށެވެ. އަދި ރަށްރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑު އިންސައްތައެއްގެ މަސައްކަތް ނިންމާފައިވާ ރަށްރަށުގެ މަސައްކަތްތައް އަވަހަށް ނިންމުމަށް އިސްކަން ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ރަށްރަށަށް އެތަކެތި ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދާނެ. 230 މެޝިނަރީޒް ވެހިކަލް ލިބިފައިވާއިރު ގިނަ ރަށްރަށަށް ސާމާނު ފޮނުވޭނެ. ތާރުއެޅުމުގެ މަސައްކަތް ކުުރުމަށް މިހާރުވެސް 7 ރަށް އެބައޮތް." އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.
އާރްޑީސީން ވަނީ އެއްފަހަރާ ގިނަ މަޝްރޫޢުތައް ފަށަން ބޭނުންވާ 230 މެޝިނަރީ ރާއްޖެ ގެނެސްފައެވެ. އޭގެ ތެރޭގައި ހައިމާކާއި، މަގު ތަަރައްޤީކުރުމަށް ބޭނުންވާ ވެހިކަލްތައްވެސް ހިމެނެއެވެ. އެގޮތުން ތާރު އަޅައިގެން މަގުތައް ތަރައްޤީކުރުމަށްޓަކައި އަލަށް ވަނީ 4 ތާރު ޕްލާންޓެއް ގެނެސްފައެވެ. އެއީ 80 ޓަނުގެ އެއް ޕްލާންޓާއި 40 ޓަނުގެ 3 ޕްލާންޓެވެ. އާރްޑީސީގެ އެމްޑީ ވިދާޅުވީ އެ އުޅަނދުތަކާއެކު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތްތަކަށްވެސް ފަސޭހަވާނެކަމަށެވެ.
"ކުރީގެ ތާރު ޕްލާންޓްތައް ގޮތަށް މި އެއްޗެއްސަކީ ކޮންކްރީޓްކޮށްފައި، އެތަނުގައި މޯލްޑް ކޮށްފައި ބަހައްޓާ ކަހަލަ ތާރު ޕްލާންޓެއް ނޫން. އެއްރަށް ނިންމާ އަނެއް ރަށަށް ވަރަށް އަވަހަށް މޫވްވެސް ކުރެވޭނެ. އުޅަނދުތަކުގެ ރަޖިސްޓީގެ މަސައްކަތް ނިންމުމަށްފަހު ތާރުއަޅަން ރޭވިފައިހުރި ރަށްރަށަށް، އުޅަނދުތައް ފޮނުވުމުގެ މަސައްކަތް ފަށައިގަންނާނެ. އެ އެއްޗެހި ފޮނުވުމުން މަސައްކަތްތައް އަވަސްވާނެ." އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވިއެވެ.
ރާއްޖެއަށް މި ތަކެތި ގެނެސްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން، ޗައިނާގެ އެކްސްސީއެމްޖީއާ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި ދެމެދު މިދިޔަ ފެބުރުވަރީ މަހު އެކުލަވާލި އެއްބަސްވުމުގެ ދަށުންނެވެ. މި މެޝިނަރީތައް ރާއްޖެ ގެނައުމުގެ އިތުރުން މި މެޝިނަރީތަކަށް ބޭނުންވާ މަރާމާތުގެ ޚިދުމަތްދޭ މަރުކަޒަކާއި، ސްޕެއަރ ޕާޓްސް ވިއްކާ މަރުކަޒެއް ޗައިނާގެ އެ ދެ ކުންފުނި ގުޅިގެން ރާއްޖޭގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ރަށްރަށުގައި ކުރިއަށްގެންދާ މަގު ހެދުމުގެ މަޝްރޫޢުތަކާއި އުމްރާނީ ތަރައްޤީގެ އެހެނިހެން މަސައްކަތްތައް އަވަސްކުރުމަށް އެކި މެޝިނަރީ އާއި އިކުއިޕްމަންޓް ކުއްޔަށް ނަގަންޖެހި މަޝްރޫޢުތަކުގެ ޚަރަދު ބޮޑުވެއެވެ. އެކަމަށް ހައްލު ހޯދުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިފަދަ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތަކާއި މެޝިނަރީޒްތައް ރާއްޖެ ގެނައުމަށެވެ. މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވެފައިވަނީ މިހާރު ގެނެސްފައިވާ މެޝިނަރީގެ އެއް ސެޓަޕް ގުޅީފަޅަށް މޮބިލައިޒްކޮށް، ސަރުކާރުގެ ކަމާބެހޭ އެންމެހާ މިނިސްޓްރީތަކާއި ކުންފުނިތައް ގުޅިގެން، ގުޅީފަޅުގެ ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެއި މަހުގެ ތެރޭގައި ފަށާނެކަމަށެވެ. އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނިމުމުން، އިތުރު ސެޓަޕެއް ގިރާވަރުފަޅަށް ގެންގޮސް، ގިރާވަރުފަޅުގެ ފެނާއި ނަރުދަމާއާއި ކަރަންޓާއި މަގު ހެދުމުގެ މަސައްކަތް މިއަހަރުގެ މެދު ތެރޭގައި ފެށުމަށްވެސް ވަނީ ނިންމާފައެވެ.