އަންނަ އަހަރުގެ ޖެނުއަރީމަހުގެ 14 ވަނަދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ނިންމަވައި، އެއިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު ހުޅުވާލެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ގެންދަވަނީ ތައްޔާރީތައް ކުރައްވަމުންނެވެ.
މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކާގުޅޭ ގޮތުން ޓީވިއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބު އިޢުލާންކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކާއި އިންތިޚާބު ބާއްވަން ކުރަންޖެހޭ ތައްޔާރީތައް ކުރައްވައި ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. އަދި ވޯޓުލާ ފޮށީގެ ގޮތުގައި ހަތަރުސަތޭކަ އައްޑިހަ އެއްހާސް ވޯޓު ފޮށި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަހައްޓާއިރު، އިންތިޚާބާއި ގުޅުންހުރި ކަންކަމުގައި އޮފިޝަލުން ހިމެނޭހެން ހަތަރުހާހެއްހާ މުވައްޒަފުން ހަރަކާތްތެރި ވާނެކަމަށް އަކްރަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ވޯޓުލާ މީހުންގެ ލިސްޓް ގެޒެޓްކުރެވިގެންދާނެކަމަށާއި، ވޯޓް ފޮށީގެ ސީދާ އަދަދު ކަނޑައެޅޭނީ ވޯޓުލާމީހުންގެ ރަޖިސްޓްރީ އެއްކޮށް ފައިނަލްވުމުންކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން އަންދާޒާކުރައްވާގަތޮގައި މިފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިތިޚާބުގައި ރަށު ކައުންސިލް ތަކާ، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް ތަކުން 651 ކައުންސިލަރުން އިންތިޚާބު ކުރެވޭނެއެވެ. އެއީ ރަށު ކައުންސިލަރުންގެ ގޮތުގައި 179 ރަށަކުން 561 ކައުންސިލަރުންނާއި، އަތޮޅު ކައުންސިލަރުންގެ ގޮތުގައި 19 އަތޮޅެއްގައި ހިމެނޭ 57 އިންތިޚާބީ ދާއިރާއިން 67 މެންބަރުންނެވެ. އަދި ފުވައްމުލަށް ސިޓީ ހިމެނޭހެން ރާއްޖޭގައި މިހާރުއޮތް 3 ސިޓީގެ 23 އިންތިޚާބީ ދާއިރާއިން ސިޓީކައުންސިލަރުންގެ ގޮތުގައި އިންތިޚާބު ކުރެވޭ 23 ކައުންސިލަރުންވެސް މީގެތެރޭގައި ހިމެނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އެހެން އިންތިޚާބުތަކާއި ޚިލާފަށް މިފަހަރުގެ އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުސަތާއި، އޮބްޒާވަރުންނާއި، އޮފިޝަލުން، އަދި ކެނޑިޑޭޓެއްގެ މަންދޫބަކަށްވުމަށް ޚާއްސަ އޮންލައިން ޕޯޓަލްއެއް މެދުވެރި ކޮށް ފޯމް ހުށައެޅުއްވޭނެކަމަށާއި، އެފަދަ ފަރާތްތަކަށް ހަމަ އޮންލައިންކޮށް ޖަވާބުވެސް އެރުއްވޭނެކަމަށެވެ.
މި ފަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ނުބެހެއްޓެވުމަށް ނިންމެވީ، އިންތިޚާބާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ކަމަށާއި، ސިޔާސީ ޕާޓީތަކުންވެސް އަދި އެހެނިހެން ކަމާގުޅުންހުރި ފަރާތްތަކުންވެސް އިލެކްޝަންސް ކޮމިޝަނުގެ މިނިންމެވުމަށް އެއްބާރުލުންދީފައިވާއިރު، މިހާތަނަށް މިކަމާގުޅިގެން އާންމު ފަރާތަކުންވެސް ޝަކުވާއެއް ހުށައަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެެވެ.