މިއަދަކީ ރާއްޖޭގެ އެންމެ ފުރަތަމަ މިއުޒިކް ރޭޑިއޯ ޗެނަލް، ދިވެހި އެފްއެމް ވުޖޫދުވިތާ 20 އަހަރު ފުރުނު ދުވަހެވެ.
ދިވެހި އެފްއެމް ޚިދުމަތް ދޭން ފަށާފައިވަނީ 2006 ވަނަ އަހަރުގެ އެޕްރީލްމަހުގެ އެއްވަނަ ދުވަހުއެވެ. އޭރު މި ޚިދުމަތް ދެމުންދިޔައީ "ރާއްޖެ އެފްއެމް"ގެ ނަމުގައެވެ. ދިވެހި އެފްއެމްގެ ނަމަށް ޗެނަލްގެ ނަން ބަދަލުކުރެވިގެންދިޔައީ 2012 ވަނަ އަހަރުގެ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.
2006 ވަނަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 91 މެގަހާރޓްސް އެފް.އެމް ބޭންޑުން ދުރަށް ފޮނުވަން ފެށި، ދިވެހި އެފްއެމްއަކީ މިއުޒިކާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކަށް ޚާއްސަ އެފް އެމް ޗެނަލެކެވެ. ދިވެހި އެފްއެމް ފުރަތަމަ ފެށިގެންދިޔައީ ދިވެހިރާއްޖޭގެ އަޑުގެ މިއުޒިކް ޗެނަލްގެ ގޮތުގައެވެ. 2015 ވަނަ އަހަރުގެ އެޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް ދިވެހި އެފްއެމް ހިންގަމުންދަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ އެފް އެމް ޗެނަލްގެ ގޮތުގައިއެވެ.
މިއުޒިކް ޗެނަލެއްގެ ގޮތުގައި އުފެއްދި ދިވެހި އެފްއެމް މުނިފޫހިފިލުވުމުގެ ދާއިރާއާއި ގުޅުންހުރި ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކި ކަންކަމާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ތަފާތު ޝޯވތަކާއި ޕްރޮގްރާމްތަކާއެކު ކުރިއަށްގެންދާތާ މިހާރު މިވަނީ 20 އަހަރުވެފައެވެ.
ދިވެހި އެފްއެމްގެ އަހަރީ ދުވަހާގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުގައި އެ ޗެނަލް ހިންގުމާ މިވަގުތު ހަވާލުވެ ހުރި އެގްޒެކްޓިވް ޕްރޮޑިއުސަރ އާމިނަތު ރަމްލާ ބުނިގޮތުގައި، ކުޑަ ޓީމާކާއެކު ވަރަށް އާދައިގެ ގޮތަކަށް ފެށުނު މި ޗެނަލަކީ މިހާރު އެހުންތެރިންނާ ވަރަށް ގާތްގުޅުމެއް އުފެދިފައިވާ ޗެނަލެއްކަމަށެވެ.
މިވީ 20 އަހަރުގެ ތެރޭގައި ޗެނަލްގެ އުފެއްދުންތަކާއި މަސައްކަތްތަކަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމުގެ ގޮތުގައި ރަމްލާ ފާހަގަކުރީ ހަމައެކަނި ރޭޑިއޯގެ ބަދަލުގައި ސޯޝަލް މީޑިއާގެ ޒަރިއްޔާއިންވެސް އެހުންތެރިންނަށް ދިވެހި އެފްއެމްގެ ޕްރޮގްރާމްތައް އަޑު އަހާލުމުގެ ފުރުޞަތު ފަހިވެފައި އޮތުންކަމަށެވެ.
"މިހާރު ސޯޝަލް މީޑިއާކަންނޭންގެ ހުރިހާ އެންމެންވެސް އެންމެ ގާތުގައި ހުރިހާކަމެއް ކުރަން އެންމެ ބޮޑަށް ފަސޭހަވެގެން މިދަނީ. އެހެންވީމަ ދިވެހި އެފްއެމްގެ ކޮންމެ ޕްރޮގްރާމަކީވެސް އަޅުގަނޑުމެންގެ ސޯޝަލް މީޑިއާއިން އޭގެ އަޕްޑޭޓްސް ކޮންމެވެސް މިންވަރެއްގެ އަޕްޑޭޓްސްއެއް ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ލިބޭނެ. އެއީ އަސްލު ހަޤީޤަތުގައި އެންމެ ބޮޑު އެއް ބަދަލަކީ ދިވެހި އެފްއެމްގެ ޕްރޮގްރާމްތަކަށް އައި" ރަމްލާ ފާހަގަކުރިއެވެ.
ދިވެހި އެފްއެމް ޓީމުގެ އަބަދުވެސް އަމާޒަކީ އެހުންތެރިން ގަޔާވާނެފަދަ ހިތްގައިމު އުފެއްދުންތަކެއް ގެނެސްދިނުންކަން ރަމްލާ ފާހަގަކުރިއެވެ. އަދި ދިވެހި އެފްއެމް މިގޮތުގައި ކުރިއަށްގެންދިއުމުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީވެސް އެހުންތެރިންގެ ފަރާތުން ލިބޭ ލޯތްބާއި ހިތްވަރުކަން އޭނާ ފާހަގަކުރިއެވެ.
"މިވީ 20 އަހަރުގެ ތެރޭގައިވެސް އަޅުގަނޑުމެންގެ އެހުންތެރިން އަޅުގަނޑުމެން ދެކެވާ ލޯބި ވަރަށް ބޮޑަށް ފާހަގަކުރެވޭ. ވަރަށް ލޯޔަލް އެހުންތެރިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި، ބަދަލެއް ނާދޭ، ހަމަ އޭރުވެސް ގުޅާ އެހުންތެރިން މިހާރުވެސް އެބަގުޅާ." ރަމްލާ ބުންޏެވެ.
ޕީއެސްއެމްގެ ކުޑައިގެ ދަށުން ހިންގާ ރޭޑިއޯ އަދި ޓީވީ ޗެނަލްތަކުގެ ތެރެއިން ދިވެހި އެފްއެމްއަކީ އެޗެނަލެއްގެ އޮން އެއަރ މެނޭޖްކޮށް ހިންގުމާއި، ޗެނަލްގެ ޕްރޮޑަކްޝަން މަސައްކަތުގައި ހުސް އަންހެން މުވައްޒަފުން މަސައްކަތްކުރާ ހަމައެކަނި ޗެނަލެވެ. އެ ޗެނަލްގައި ފުލްޓައިމް މުވައްޒަފުންގެ ގޮތުގައި 6 ސްޓާފުން މަސައްކަތްކުރާއިރު، ރޭޑިއޯ ޕްރޮޑަކްޝަން ޕޫލްގެ ބައެއް ޕްރެޒެންޓަރުން އެފްއެމްގެ ޝޯވތައް ހުށަހަޅައިދެއެވެ.
ދިވެހި އެފްއެމްއަށް 20 އަހަރު ފުރުނުއިރު ދިވެހި އެފްއެމްގެ ސްޓޫޑިއޯ އިން ދިވެހި އެފްއެމްގެ އާރް ޖޭ އިން ގެނެސްދީފައިވާ ތަފާތު ޝޯވތަކުގެ އިތުރުން މުނިފޫހި ފިލުވުމުގެ ދާއިރާއާ ގުޅުންހުރި ޚާއްސަކޮށް މިއުޒިކާއި ގުޅުންހުރި ތަފާތު އިވެންޓްތައް ދިވެހި އެފްއެމުން ވަނީ ވަގުތުން ގެނެސްދީފައެވެ.
އެގޮތުން އެހުންތެރިންގެ މަޤުބޫލުކަން ލިބުނު ބައެއް އުފެއްދުންތަކުގެ ތެރޭގައި ކޮފީ ކޯނަރ، ފެންޑާމަތިން، ދިހަގަޑި ތަރާވީސް، ސީޑީ ހަރުގަނޑުން، ބޮކިފަތި، އަދި އެހުންތެރިންގެ ގަޑި ފަދަ ޕްރޮގްރާމްތައް ހިމެނެއެވެ.
ދިވެހި އެފްއެމްގެ ހުރިހާ ޝޯވތަކަކީވެސް އެހުންތެރިން ވަރަށް ބޮޑަށް ބައިވެރިކޮށްގެން ކުރިއަށްގެންދާ ޝޯވތަކެއްކަމުން ދިވެހި އެފްއެމްގެ ކޮންމެ ޝޯވއަކީވެސް އެހުންތެރިންގެ ވަރަށް ބޮޑު މަޤުބޫލުކަމަކާއެކު އަދި ވަރަށް ބޮޑު ބައިވެރިވުމަކާއެކު ކުރިއަށްގެންދެވޭ ޝޯވތަކަކެވެ. ހަމައެހެންމެ ދިވެހި އެފްއެމުން އެހުންތެރިންނާއި ހަމައަށް ތަފާތު ނަންނަމުގައި ގެނެސްދޭ ރޭޑިއޯ ޑްރާމާ ސިލްސިލާތަކަކީވެސް އެހުންތެރިންގެ މެދުގައި ބޮޑު މަޤުބޫލުކަމެއް ލިބިގެންދާ ޑްރާމާތަކެކެވެ.
އެހުންތެރިންގެ ލޯތްބާއި އިތުބާރާއެކު ދިވެހި އެފްއެމް މިއަދު ވެފައި މިވަނީ ލަވަޔާއި ހިތްގައިމު ރާގުތަކުން ދިވެހިންގެ ހިތްތަކާ ކުޅެލާ ޗެނަލަކަށެވެ.