ޚަބަރު

މޮޅާއެކު އުރުބާނީ އެދުނީ އަބަދުވެސް ޓީމާއެކު ތިބުމަށް


  • ދިވެހިންގެ ސަޕޯޓާއެކު ނަތީޖާ ނެރެން ޓީމަށް އިތުރު ހިތްވަރެއް ލިބޭ

  • މޮޅުވިޔަސް، ބަލިވިޔަސް ޓީމާއެކު ސަޕޯޓަރުން ތިބުމަށް އުރުބާނީ އެދުނު

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭ އަތުން ދިވެހިރާއްޖޭގެ ޤައުމީ ޓީމު ހޯދި މޮޅާއެކު، ކޮންމެ ހާލަތެއްގައި ވެސް ޓީމާއެކު ސަޕޯޓަރުން ތިބެދިނުމަށް ޓީމުގެ ކޯޗު އިސްޓަވާން އުރުބާނީ އެދިއްޖެއެވެ.

ކޮލިފިކޭޝަންގައި ރާއްޖޭގެ ފަހު މެޗުގައި ޓިމޯ ލެސްޓޭ އަތުން ރާއްޖެ މޮޅުވީ، ފަހަތުން އަރައި 1-2 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ފަށައިގެން 21 ވަނަ މިނެޓުގައި ޓިމޯ ލެސްޓޭއިން ޖެހި ލަނޑާއެކު، ދިވެހި ސަޕޯޓަރުންގެ އަޑު، ދަނޑުން މަޑުވެގެން ދިޔައެވެ،

ޓިމޯ ލެސްޓޭ އަތުން މޮޅުވި މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުބާނީ ބުނީ، މެޗުން ބަލިވާން ފެށުމާއެކު ސަޕޯޓަރުންގެ ފަރާތުން ލިބެމުންދިޔަ ތަރުޙީބު ކުޑަވި ކަމަށެވެ. ނަމަވެސް ޓީމު ކުރިއަރުވަން ބޭނުންވާނަމަ، ޓީމަށް ސަޕޯޓުކުރަން ޖެހޭނީ ހަމައެކަނި މޮޅުވާ ވަގުތުތަކުގައި ނޫން ކަމަށާއި، ބަލިވާ ވަގުތުތަކުގައި ވެސް ސަޕޯޓަރުންގެ ފުރިހަމަ އެއްބާރުލުން ކުޅުންތެރިންނަށް ބޭނުންވާނެ ކަމަށް އޭނާ ބުންޏެވެ،

"ކުޅުންތެރިންނަށް ކޮންމެ ހާލަތެއްގައި ވެސް ސަޕޯޓު ދޭންޖެހޭ. އަހަރެންވެސް މީ ކުރީގަ ކުޅުންތެރިއެއް. އެ ކުޅުންތެރިންނަށް ބޭނުންވަނީ ހިތްވަރު، ބަލިވިޔަސް، މޮޅުވިޔަސް. ފާއިތުވީ އަހަރުތަކުގެ ތެރޭގައި ދިވެހި ފުޓުބޯޅައަށް އައި ނިކަމެތިކަން އަހަރުމެން އެންމެންނަށް ވެސް އެބަ އެނގޭ. އެކަމަކު ވެސް ޓީމާމެދު ބަޔަކު އުއްމީދުތަކެއް ގެންގުޅޭކަން ވެސް އެބަ އެނގޭ. މިސާލަކަށް މުޅި ދަނޑު ރަތް ޖާޒީއިން ފުރާލާނަމަ، ކުޅުންތެރިން ނުވާނެ ޖެހިލުމެއް. ކުޅުންތެރިން ފަހަތަކަށް ނުޖެހޭނެ. ކުޅުންތެރިންނަށް ލިބޭނީ ބޮޑު ހިތްވަރެއް. އިތުރު ހިތްވަރެއް ލައިގެން އެ ކުޅުންތެރިން މަސައްކަތްކުރާނެ މޮޅުވާން. ޓީމަށް ގެއްލިފައިވާ ސަޕޯޓުގެ ޒިންމާ ނަގާނީ ކުޅުންތެރިންނެއް ނޫން. އެކަމަކު ރަނގަޅު ނަތީޖާތަކެއް ނެރެވެން ފެށީމަ ލިބޭ ސަޕޯޓު އިތުރުވުމުން އެކަމުގެ ކްރެޑިޓް ކުޅުންތެރިންނަށް ލިބޭނެ". ޓީމުގެ ކާމިޔާބީއާއި، ސަޕޯޓަރުންގެ ސަޕޯޓު ގުޅިފައިވާ މިންވަރު ހާމަކޮށް އުރުބާނީ ބުންޏެވެ.

މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުނީ، މެޗުގެ ފުރަތަމަ 65 މިނެޓު ކޮންޓްރޯލް ކުރީ ދިވެހި ޓީމުން ކަމަށެވެ. އަދި އެފަހުން ގޯސްތަކެއް ހެދި އޭގެ ފައިދާ ޓިމޯ ލެސްޓޭ އިން ނެގި ނަމަވެސް، ފަހުން ދިވެހި ކުޅުންތެރިން ދެއްކި މޮޅު ކުޅުމާއެކު ނަތީޖާ ބަދަލުވެގެން ދިޔައީކަން ކޯޗު ފާހަގަކުރިއެވެ.

ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށްޓަކައި ކޯޗުން ތަމްރީނުކުރުމާއި، ހަރުދަނާ ނިޒާމުތަކެއް ޤާއިމުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އުރުބާނީ ފާޙަގަކުރިއެވެ.

ޓިމޯ ލެސްޓޭ އަތުން ހޯދި މޮޅާއެކު ރާއްޖެއިން ވަނީ ކޮލިފިކޭޝަންގައި މި ދެ ޓީމު ހިމެނޭ ގުރޫޕުގެ ތިންވަނަ ހޯދާފައެވެ. ރާއްޖެއާއި ޓިމޯ ލެސްޓޭ ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ރާއްޖެއަށް ކުރި ލިބެނީ ޖެހި ގޯލުގެ ތަފާތުންނެވެ.