ޚަބަރު

އެމްއެންޔޫއިން އިނގިރޭސިވިލާތުގެ ކިއުއޭއޭ އެކްރެޑިޓޭޝަން ދަމަހައްޓައިފި


  • މިއީ ފަސް އަހަރުގެ މުއްދަތަކަށް ދޭ އެކްރެޑިޓޭޝަނެއް

  • އެކްރެޑިޓޭޝަންގެ މުއްދަތު ވަނީ 2028ގެ އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައި

އިނގިރޭސިވިލާތުގެ މަތީ ތަޢުލީމުގެ ފެންވަރު ކަށަވަރުކޮށްދޭ މިނިވަން އިދާރާ، ކޮލިޓީ އެޝުއަރެންސް އެޖެންސީ ފޯ ހަޔަރ އެޑިއުކޭޝަނުން ދޭ "އިންޓަނޭޝަނަލް ކޮލިޓީ އެކްރެޑިޓޭޝަން"ގެ މިޑް ސައިކަލް ރިވިއު އެމްއެންޔޫއިން ފުރިހަމަކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ.ޝެހެނާޒް އާދަމް ވިދާޅުވީ، އެމްއެންޔޫގައި ކިޔަވައިދިނުމުގައި އެންމެ ބޮޑު އިސްކަމެއްދެނީ ފެންވަރު ހިފެހެއްޓުމަށް ކަމަށެވެ.

" ދިިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމާއި، އުނގެނުމާއި އަދި ދިރާސާ ކުރުމުގެ ހުރިހާ ދާއިރާއަކުންވެސް އަޅުގަނޑުމެން އެންމެ ބޮޑު އިސްކަމެއްދެނީ ފެންވަރު ހިފެހެއްޓުމަށް. QAA އިން ލިބުނު އެކްރެޑިޓޭޝަންއަކީ، އެމް.އެން.ޔޫގެ ސްޓްރެޓީޖިކް ޕްލޭން 2026-2030ގައިވެސް ކަނޑައަޅާފައިވާ ފަދައިން، ހަމައެކަނި ތަޢުލީމީ ގޮތުން ޤާބިލު ބައެއްގެ ބަދަލުގައި، މުޖުތަމަޢަށް އިންގިލާބީ 2026-2030 ވުމަށް ބޭނުންވާ ހުނަރާއި، އަގުތަކާއި، އަދި ސިފަތައް ލިބިފައިވާ 'ފެންވަރު ރަނގަޅު ބަދަލުތަކެއް ގެނައުމަށާއި ޤައުމު ބިނާކުރުމުގައި ހަރަކާތްތެރި މީހުން' ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް." ވައިސް ޗާންސެލަރ ވިދާޅުވިއެވެ.

އެމްއެންޔޫއިން ހާސިލްކުރި މި އެކްރެޑިޓޭޝަނަކީ، ފަސް އަހަރުގެ މުއްދަތަކަށް ދޭ އެކްރެޑިޓޭޝަނެކެވެ. ނަމަވެސް، އެ މުއްދަތުގެ މެދުތެރެއިން ކުރިއަށްގެންދާ "މިޑް ސައިކަލް ރިވިއު"އަކުން ފާސްވާން ޖެހޭނެއެވެ.

މި ރިވިއުއިން ފާސްވުމާ ގުޅިގެން އެމްއެންޔޫގެ ބައިނަލްއަޤްވާމީ އެކްރެޑިޓޭޝަންގެ މުއްދަތު މިހާރުވަނީ، 2028ވަނަ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަށް އިތުރުކޮށްފައެވެ.

2023ވަނަ އަހަރު އެންމެ ފުރަތަމަ އެކްރެޑިޓޭޝަން ލިބުނު ފަހުން، އެމްއެންޔޫއިން ވަނީ ތަޢުލީމީ ފެންވަރު މަތިކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ.

ދުނިޔޭގެ ފެންވަރުގައި ބަލައިގަންނަ އެ އެކްރެޑިޓޭޝަން ދެމެހެއްޓުމާއެކު، ދުނިޔޭގެ ފެންވަރުގެ ތަޢުލީމު ފޯރުކޮށްދިނުމަށާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަޢުލީމީ ގޮތުން ކުރީ ސަފުގައި ހިމެނޭ ތަޢުލީމީ މުވައްސަސާއެއްގެ ގޮތުގައި އެންއެންޔޫ ދެމެހެއްޓުމަށް، އެ ޔުނިވާސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.