ޚަބަރު

އެސްޑީއެފަށް 400 މިލިޔަން ރުފިޔާ ޖަމާކޮށްފި


  • މިއީ މިދިޔަ އަހަރާ އަޅާބަލާއިރު %8.6 އިތުރު އަދަދެއް

  • އެސްޑީއެފުން ދަރަނި ދެއްކޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ރައީސް ވިދާޅުވި

މިއަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެކެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން 1 ޖަނަވަރީން 19 މާރިޗްގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖުމްލަ 425.1 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. މިއީ 2025ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކުރި އަދަދާއި އަޅަބަލާއިރު %8.6 އިތުރު އަދަދެކެވެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ޖަމާކޮށްފައިވަނީ 391.6 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކައެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ތަރައްޤީގެ ތަފާތު މަޝްރޫއުތައް ހިންގުމަށްޓަކައި ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމާއި އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރިޒާވްއާ މުޅިން ތަފާތު ފަންޑެކެވެ.

2016ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވަރިން ފަންޑަށް ދަޢުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ ޖަމާކުރަމުންނެވެ. އެއީ އެއާޕޯޓުން ފުރާމީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއާޕޯޓްގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ
މިހާތަނަށް ރާއްޖެއިން ދަރަނި އަދާކުރުމުގައި ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ދަރަނި އަދާކުރަން އިތުރު ދަރަނި ނަގަން ޖެހިފައިވާކަމަށާއި، ނަމަވެސް ދަރަނި އަދާކުރުމަށް އިތުރު ދަރަނި ނަގަން ނުޖެހޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެސްޑީއެފް ނުވަތަ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު މެދުވެރިކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ. އެކަމަށް އިސްކަންދީގެން މަސައްކަތްކޮށް ދަރަނި ދެއްކުމަށް ޤާޢިމްކޮށްފައިވާ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު ހަރުދަނާ ކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.