ޚަބަރު

"ތަޖުރިބާހުރި ކުޅުންތެރިން ޓީމަށް ނެގީ ޒުވާން ކުޅުންތެރިންގެ ކުރިއެރުމަށް"


  • އަލީ އަޝްފާޤާއި އަލީ އަމްދާންއަށް ސްކޮޑުން ފުރުސަތު ދީފައިވޭ

  • ސްކޮޑުގެ އެވްރެޖް އުމުރަކީ 31

ޤައުމީ ޓީމަށް ދުވަސްތަކެއް ވަންދެން ނުކުޅެ ތިބި ކުޅުންތެރިންތަކަކަށް މި ފަހަރުގެ ސްކޮޑުން ފުރުސަތު ދިނީ، ޒުވާން ކުޅުންތެރިންނަށް އޭގެ ލާބައާއި މަންފާ ހޯދައިދޭންކަމަށް ޤައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު، އިސްޓަވާން އުރުބާނީ ބުނެފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގައި މާދަމާ ޓިމޯ ލެސްޓޭއާ ދެކޮޅަށް ޤައުމީ ޓީމު ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުރުބާނީ ބުނީ، އޭނާ ގައުމީ ޓީމުގެ ކޯޗަކަށް މީގެކުރިން ހުރި ދުވަސްވަރު ޤައުމީ ޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް މި ފަހަރުގެ ސްކޮޑުން ފުރުސަތު ދިނީ، މިހާރުގެ ކުޅުންތެރިންނަށް، އެ ކުޅުންތެރިންގެ ފަރާތުން ފައިދާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

"އަހަރެން ކުރިން ޓީމުގެ ކޯޗަކަށް ހުރި ދުވަސްވަރު ކުޅުނު ބައެއް ކުޅުންތެރިން މި ޓީމަށް ނެގީ، އަހަރެން ބޭނުންވީ އަހަރެންގެ ސްޓައިލާއި އަހަރެންގެ އެޕްރޯޗް، އެ ކުޅުންތެރިން ލައްވާ ޒުވާން ކުޅުންތެރިންނަށް ބުނެދޭން. އޭރުގެ ކުޅުންތެރިންނަށް އެނގޭނެ އަހަރެންނަކީ ކާކުކަން. އެހެންވީމަ އެ ކުޅުންތެރިންގެ ފަރާތުން ޒުވާން ކުޅުންތެރިންނަށް ކަންތައްތަކެއް ދަސްވާނެ މިކަމުގެ ސަބަބުން. އޭރުގެ ކުޅުންތެރިންގެ ފަރާތުން އެ ސަޕޯޓު އަސްލު އަހަރެން ބޭނުންވަނީ". ކުރީގެ ބައެއް ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދިން ސަބަބާ ގުޅޭގޮތުން ވާހަކަދައްކަމުން އުރުބާނީ ބުންޏެވެ.

ކޯޗު އުރުބާނީ ވަނީ މިފަހަރުގެ މެޗަށް އެކުލަވާލި ސްކޮޑުން، އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ އަމްދާން (އޭންޑީ) ފަދަ ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ.

މިފަދަ ކުޅުންތެރިންނަށް ފުރުސަތުދިން އިތުރު ސަބަބެއްގެ ގޮތުގައި އުރުބާނީ ބުނީ، އަޝްފާޤް ފަދަ ކުޅުންތެރިންނަކީ އަދިވެސް ޓީމަށް މުހިންމު ފައިދާތަކެއް ކުރުވާނެ ކުޅުންތެރިންތަކަކަށް ވުމެވެ. އެ ކުޅުންތެރިންގެ ތަޖުރިބާއާއި ހުނަރާއި ޤާބިލުކަމަކީ މެޗުތެރެއިން ޓީމަށް މުހިންމު ކަންތައްތަކަކަށް ވާނެކަމަށް އުރުބާނީ ބުނެފައިވެއެވެ.

ކޯޗު ހާމަކުރި ގޮތުގައި މާދަމާގެ މެޗަށް އެކުލަވާލި ސްކޮޑުގެ އެވަރެޖް އުމުރަކީ 31 އެވެ.

ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅުމަށް ރާއްޖެއިން ވެސް ސްކޮޑެއް އެކުލަވާލައި ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައެވެ. ޤައުމީ ޓީމު ދަނޑުމަތީގައި ލީޑުކުރާނީ، މިހާރު ވެސް އެ ޒިންމާ އަދާކުރަމުން އަންނަ އަލީ ސަމޫޙެވެ.

މި މެޗު އޮންނާނީ މާދަމާ 15:30 ގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.