އޭޕްރީލު މަހު އޮންނަ އެފްއޭކަޕް ފުޓުބޯޅަ މުބާރާތަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ތައްޔާރީތައް ދަނީ ވަރަށް އުނދަގޫ ގޮތަކަށް ކަމަށް ޓީމުގެ ހެޑް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ) ބުނެފިއެވެ.
ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒްގެ އިރުޝާދުގެ ދަށުން މި ސީޒަނާއި ކުރިމަތިލި މާޒިޔާއިން މި ސީޒަނުގެ ބާކީބައިގައި ކުރިޔަށް ދާނީ ސުޒެއިރު ކޯޗުގެ އިރުޝާދުގެ ދަށުންނެވެ.
އެފްއޭ ކަޕްގެ ތައްޔާރީތަކާއި ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ސުޒެއިރު ބުނީ ސާފް ޗެމްޕިއަންޝިޕަށް ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ދޫކޮށްފައިވާތީ ފަރިތަކުންތައް ބާއްވަމުން އައީ ވަރަށް މަދު ކުޅުންތެރިންތަކަކާއެކުގައި ކަމަށެވެ.
މާޒިޔާ އިން، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ދޫކުރި ޒުވާން ޤައުމީ ޓީމުގެ ބައެއް ކުޅުންތެރިން ރެއިން ފެށިގެން އެނބުރި އެފްއޭކަޕްގެ ފަރިތަކުރުންތަކާއި ގުޅިފައިވާކަމަށްވެސް ކޯޗު ބުންޏެވެ.
"އޭގެ އިތުރަށް ތިބޭ 9 ޕްލޭޔަރުން ދެން ސީނިއާ ޓީމުގައި ނޭޝަނަލް ޓީމުގެ 9 ކުޅުންތެރިންވަރު، އެހެންވެގެން ބިދޭސީ ކުޅުންތެރިންނާއެކު ޕްރެކްޓިސް އެކުރަނީ 7 ވަރަކަށް ޕްލޭޔަރުންނާއެކީގަ. އިއްޔެ އެ ލިބުނީ ޖޫނިއާ ނެޝަނަލް ޓީމުގެ މެޗު ނުކުޅޭ ކުދިންތައް ނެރެގެން، ދެން ވަރަށް އުނދަގޫކޮށް އެދަނީ އަދި" ސުޒެއިރު ބުންޏެވެ.
އެފްއޭކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ކަން ހޯދީ މާޒިޔާއިންއެވެ. އެ މުބާރާތް މަޒިޔައިން ކާމިޔާބުކުރީ ފައިނަލްގައި 2-0 ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެންނެވެ.
2022 ވަނަ އަހަރަށްފަހު އެފްއޭކަޕް ފުޓުބޯޅަ މުބާރާތް އޮތީ ހުއްޓިފައެވެ. ރާއްޖޭގެ ފުޓުބޯޅަ އިދާރާގައި ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ހިންގި ކޮރަޕްޝަނުގެ މައްސަލަތަކާއި ގުޅިގެން ފީފާއިން އެޅި ފިޔަވަޅުތަކާއެކު އެ އިދާރާ 2 އަހަރެއްހާ ދުވަހު އޮތީ ހުއްޓިފައެވެ.
ފުޓުބޯޅަ އިދާރާއިން އަލުން އިންތިހާބު ބާއްވައިގެން، އައު ހިންގާ ކޮމިޓީއާއެކު ކުރިޔަށްދާން ފެށީ މިދިޔަ އަހަރު ޖުލައި 26 ން ފެށިގެންނެވެ. އައު ހިންގާ ކޮމިޓީން 2025/2026 ގެ ކަލަންޑަރު އެކުލަވާލިއިރު އަލުން އެފްއޭކަޕް ބާއްވަން ނިންމާފައިވައިވަނީ 10-18 އޭޕްރީލުގެ ނިޔަލަށެވެ.
އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރީގެ އެންމެ ވަރުގަދަ ޓީމު، ނިއުރޭޑިއަންޓެވެ. އެ ކުލަބުން 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް ދެ ފަހަރު ތަށި މިލްކުކުރިއެވެ.
ތިން އަހަރު ދުވަހުގެ މެދު ކެނޑުމަކަށްފަހު އެފްއޭކަޕް އަލުން ބާއްވާއިރު މިއަހަރު ވާދަކުރާނީ 8 ކުލަބަކުންނެވެ. އެއީ ބުލޫ ސްޕޯޓްސް ކްލަބް، އޮޑި ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ބުރު ސްޕޯޓްސް ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް އަދި އެންމެ ފަހުގެ އެފްއޭކަޕްގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބެވެ.
ނޮކްއައުޓް އުސޫލުން ކުރިއަށްދާ މި މުބާރާތުގައި ސެމީ ފައިނަލް މެޗުތައް ކުޅޭނީ 15 އޭޕްރިލްގައެވެ.