ޚަބަރު

ހުޅުމާލޭގައި ހިލޭ ޤުރްއާން ކްލާސްތައް ފަށައިފި


  • މި ކްލާސްތައް ހިންގަނީ އެޗްޑީސީއާއި އަލް އަޞްރު ގުޅިގެން

  • ކްލާސްތައް ކުރިއަށް ދާނީ އަންހެން އަދި ފިރިހެން ކުދިން ވަކިން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި އަލް އަޞްރު ގުޅިގެން ހުޅުމާލޭގައި ރަސްމީކޮށް ހިލޭ ޤުރްއާން ކްލާސްތައް ފަށައިފިއެވެ.

އަލް އަޞްރު ޖަމިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގެ މަޤްސަދަކީ، ކުދިންގެ ހިތްތަކުގައި ދީނީ އަޤީދާ ވަރުގަދަކޮށް، ޢީލްމީ ގޮތުން ޤާބިލު ޖީލެއް އުފެއްދުމެވެ. މި ކްލާސްތައް މިހާރު ވަނީ، ހުޅުމާލޭގައި ރަސްމީކޮށް ފަށާފައެވެ.

މި ކަމާއި ގުޅިގެން އެޗްޑީސީން ވިދާޅުވީ، މި މަޝްރޫއަކީ ކުޑަކުދިންގެ ހިތްތަކުގައި ދީނީ ލޯބި ޖެއްސުމަށާއި، ޤުރްއާން ކިޔެވުމުގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ. މިއީ، ހުޅުމާލޭގައި ޤުރުއާން ކްލާސްތައް ކުރިއަށް ގެންދިއުމާއެކު ދީނީ ދަރުސް ދިނުމަށް، އަލް އަސްރު ޖަމިއްޔާއާއި އެޗްޑީސީއާ ދެމެދު މިދިޔަ ސެޕްޓެމްބަރު މަހު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ)ގެ ދަށުން ކުރިއަށް ގެންދާ ކްލާސްތަކެކެވެ.

އެޗްޑީސީން ވިދާޅުވީ، ބައިވެރިންގެ އަތުން އެއްވެސް ފީއެއް ނެގުމަކާ ނުލައި މުޅިން ހިލޭ ކުރިއަށްގެންދާ މި ކްލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިދިޔަ ފެބްރުއަރީ މަހު ހުޅުވާލުމުން ބައިވެރިވި ކުދިންގެ ރަޖިސްޓްރޭޝަން މަރުޙަލާ މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން، 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖުމްލަ 103 ކުދިން އެ ކްލާސްތަކުގައި ވަނީ ބައިވެރިވެފައެވެ.

މިކަމާ ގުޅޭގޮތުން އެޗްޑީސީން ވިދާޅުވެފައިވަނީ، "ކުޑަ އަޑުތަކެއް، ވަރުގަދަ އީމާންތެރިކަމެއް" މި ޝިއާރުގެ ދަށުން ކުރިއަށްގެންދާ މި ކްލާސްތަކަކީ، މުސްތަޤުބަލުގައި ގާރީން ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށް ދާނީ، ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ކަމަށްވެސް އެ ކޯޕަރޭޝަނުން ފާހަގަކުރައްވައެވެ.

އެޗްޑީސީން ހާމަކުރެއްވި ގޮތުގައި ކްލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އަންހެން އަދި ފިރިހެން ކުދިން ވަކިން ސެޝަންތަކަކަށް ބަހާލައިގެން، ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، ކުލާސްތަކުގައި ޤުރުއާން ކިޔަވައިދޭ ޓީޗަރުން ހަމަޖެއްސުމާއި، ކިޔަވައިދިނުން ކުރިއަށް ގެންދާނީ އަލް އަސްރު ޖަމިއްޔާގެ ފަރާތުން ކަމަށެވެ. މިއީ، ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާ ކުރުމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.