ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ފޯވަޑް ރަފީނިއާ އަށް އަނިޔާގެ ދުވަސްކޮޅަކު ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އާއްމުކޮށް އިންޓަނޭޝަނަލް ބްރޭކްތަކުގައި ގައުމީ ޓީމަށް ކުޅެނިކޮށް ކުޅުންތެރިންނަށް އަނިޔާވުން އިތުރުވެ ކުލަބުތަކުން ކަންބޮޑުވުން އިންތިހާ އަށް އޮތުމުން މިފަދަ އިންޖަރީތަކަށް މިހާރު ސްޕޭނުގައި ކިޔަމުންދާ އެއް ނަމަކީ "ފީފާ ވައިރަސް" އެވެ.
ރަފީނިއާގެ ފައިގެ މަސްތަކަށް ތަދުވީ ބުދަ ދުވަހުގެ ރޭ ބްރެޒިލާއި ފްރާންސް ކުޅުނު އެކުވެރިކަމުގެ މެޗުގަ އެވެ. މި އަނިޔާގެ ސަބަބުން ފުރަތަމަ ހާފަށް ފަހު އޭނާ ބަދަލުކުރި އެވެ. އަދި އެމެރިކާގައި ހެދި ޓެސްޓްތަކުން މަދުވެގެން ހަތަރު ހަފުތާ އަށް ފަރުވާ ކުރަން ޖެހޭކަން އެނގުމުން ކުޅުންތެރިޔާ މިހާރު ވަނީ ފަރުވާ އަށް ބާސެލޯނާ އަށް އައިސްފަ އެވެ.
ބާސެލޯނާ އަށް މި ސީޒަނުގައި އަނިޔާގެ މައްސަލަ ގިނަގިނައިން ކުރިމަތިވެފައިވާ ކުލަބެކެވެ. އަދި ރަފީނިއާ އަށް މި ފަހަރު ކުރިމަތިވި އަނިޔާ އަކީ މި ސީޒަނުގައި މީގެ ކުރިން މަހެއްހާ ދުވަހު އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ފަދަ އަނިޔާއެއް ކަމަށް ވެސް ކުލަބުން ބުނެ އެވެ. މިފަހަރުގެ އަނިޔާގެ ސަބަބުން ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕޭނުގެ އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅެންޖެހޭ ފުރަތަމަ މެޗުގައި ޔަގީނުން ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.
ރަފީނިއާ އަކީ ހުސްވި ސީޒަނާއި މި ސީޒަނުގައި ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. އަދި އޭނާ ނެތުމަކީ އެޓޭކިން ލައިންގައި ފޫބައްދަން ދަތި މައްސަލަ އަކަށްވާނެ އެވެ.