އެމެރިކާގެ ފްލޮރިޑާ ގައި މިހާރު ކުރިއަށްދާ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގެ ޖާގައެއް އެރީނާ ސަބަލެންކާ ހޯދައިފި އެވެ.
ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ގޮތުގައި މިވަގުތު ހުރި ސަބަލެންކާ މި މުބާރާތުގެ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ އެލޭނާ ރައިބަކީނާ އާއި ދެކޮޅަށް ސެމީ ފައިނަލުގައި ކުޅުނު މެޗު ހައެއް ހަތަރެއް އަދި ހައެއް ތިނެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.
ނިމިގެންދިޔަ އިންޑިއަން ވެލްސް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ސަބަލެންކާ މި މުބާރާތުގެ ފައިނަލުގައި ކުޅޭނީ އެމެރިކާގެ ކޮކޯ ގައުފް އާއި ދެކޮޅަށެވެ.
ގައުފް އާއި ދެކޮޅަށް ސަބަލެންކާ މި މުބާރާތުގެ ފައިނަލަށް ނިކުންނައިރު މިއީ މި ދެ ކުޅުންތެރިންގެ 13 ވަނަ ބައްދަލުވުމެވެ.
މިދިޔަ އަހަރުގެ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި މި ދެ ކުޅުންތެރިންގެ ކުރިމަތިލުން ކާމިޔާބުކޮށްފައިވަނީ ގައުފް އެވެ. ނަމަވެސް ޑަބްލިއު ޓީ އޭ ފައިނަލުގައި އެންމެ ފަހުން މި ދެ ކުޅުންތެރިން ބައްދަލުކުރި މެޗު ކާމިޔާބުކޮށްފައިވަނީ ސަބަލެންކާ އެވެ.