ޚަބަރު

އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވާ ގޮންޖެހުންތަކާމެދު މަޝްވަރާކޮށްފި


  • ވަޒީރު ވަނީ މަސީގެ މެންބަރުންނާ ބައްދަލުކުރައްވާފައި

  • ދެފަރާތުން ގުޅިގެން ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާކުރި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު އޮޅުންފިލުއްވައިފިއެވެ. ވަޒީރު ވަނީ އެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ބައްދަލުކުރައްވާފައެވެ.

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެން، އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން، އެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބައިވެރިވީ މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީގެ ހިންގާ ކޮމިޓީގެ މެންބަރުންނެވެ.

މަސީން ވިދާޅުވީ، މި ބައްދަލުވުމުގައި މާކެޓަށް އަންނަމުންދާ ބަދަލުތަކާއި، އިމާރާތްކުރުމުގެ ސިނާޢަތަށް ބޭނުންވާނެ ތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ.

މި މަސައްކަތުގައި ދެފަރާތުން ގުޅިގެން ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތްކުރުމަށް މަޝްވަރާކުރެވިފައިވާކަމަށް ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިޤުތިޞާދުގައި ހަރަކާތްތެރިވާ އެކި އެކި ސިނާޢަތްތަކަށް ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަނެ، ގުޅިގެން ހައްލު ހޯދުމަށް، އެފަރާތްތަކާ އެކުވެސް މަޝްވަރާތައް ކުރެވެމުންދާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ މައިގަނޑު ސިނާޢަތްތަކަށް އަންނާނެ ބަދަލުތަކާއި ދިމާވެދާނެ ގޮންޖެހުންތައް ސަރުކާރުން އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ. އަދި މި މަސައްކަތް ކުރުމަށްޓަކައި ވަޒީރުންގެ ޚާއްސަ ކޮމެޓީއެއްވެސް ވަނީ އުފައްދަވާފައެވެ.

ރާއްޖެއަކީ އުފެއްދުންތެރި ޤައުމަކަށް ނުވުމުން، ގާތްގަނޑަކަށް ހުރިހާ އެއްޗެއްހެން ޖެހެނީ އިމްޕޯޓް ކުރާށެވެ. ރާއްޖެއަށް އެތެރެކުރާ މުދަލުގެ 30 އިންސައްތައަށް ވުރެ ބޮޑުބައެއް ހިއްސާކުރަނީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ. އެހެންކަމުން މެދު އިރުމަތީގެ ވައިގެ ސަރަހައްދު ބަންދުވުމުން ދަތުރުފަތުރުގެ ނިޒާމަށް އެހެން ގޮތްތައް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވަނީ ވިދާޅުވެފައެވެ.