ޚަބަރު

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ބަދަލުތަކެއް!


  • މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުން

  • މުބާރާތުގެ އޮޑިޝަން ބުރެއް އޮންނާނެ

  • ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށްދާނެ

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބަރާތަށް ބަދަލުތަކެއް ގެނެސް މުބާރާތުގެ އައު ޤަވައިދު އާންމުކޮށްފިއެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، ޤައުމީ ޤުރްއާން މުބާރާތައް ބަދަލު ގެނައީ ވީހާވެސް ގިނަ ބަޔަކަށް ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއެކު މުބާރާތުގެ ވާދަވެރިން އިތުރުކުރެވޭނެ ގޮތްތައް ބަލައި، މުބާރާތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

ޤައުމީ ޤުރުއާން މުބާރާތަށް ގެނައި ބަދަލާއެކު މުބާރާތުގައި ބައިވެރިވެވޭނީ 26 އަހަރު ނުފުރޭ، މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު ހަމަވާ ކޮންމެ ދިވެހި ރައްޔިތަކަށެވެ. އަދި މުބާރާތުގައި ބައިވެރިވެވޭނީ ފަރުދީ ގޮތުންނެވެ. މީގެ ކުރިން މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހާފިޒުންގެ ބަޔާއި ސްކޫލް ކުދިންގެ ބަޔާ މުއައްސަސާތަކުގެ ބައި ހިމަނައިގެންނެވެ.

އެގޮތުން ސްކޫލް ކުދިންގެ ބައިން ސިޓީތަކުގެ ސްކޫލްތަކުން ކޮންމެ ސްކޫލެއްގެ އަމިއްލަ ނަމުގައި މުބާރާތުގައި ބައިވެރިވެވެއެވެ. އަދި ސިޓީތަކުގެ ސްކޫލްތައް ފިޔަވާ އެހެން ސްކޫލްތަކުން މުބާރާތުގައި ބައިވެރިވެވެނީ އަތޮޅު ސްކޫލްތަކުގެ މެދުގައި ބާއްވާ އަތޮޅު މުބާރާތުން ހޮވޭ ދަރިވަރުންނަށެވެ. އެއަށްފަހު އަތޮޅު މުބާރަތުން ޤައުމީ މުބާރަތަށް ބައިވެރިން ހޮވަނީ އަތޮޅު ކައުންސިލުންނެވެ.

ނަމަވެސް މިފަހަރުން ފެށިގެން ޤައުމީ ޤުރްއާން މުބާރާތް ދެން ކުރިއަށް ގެންދާނީ ތިން ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން އެހެން އަހަރުތަކާ ޚިލާފަށް މުބާރާތުގެ އޮޑިޝަން ބުރަކާއި މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން މުބާރާތުގެ ފައިނަލް ބުރެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އޮޑިޝަން ބުރު ކުރިއަށް ގެންދަނީ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާ މުއްދަތުގެ ތެރޭގައި ފޯމް ހުށައަޅާ ފަރާތްތަކުގެ މެދުގައި އޮޑިޝަން ބުރެއް ބާއްވައިގެންނެވެ. މި އޮޑިޝަން ބުރު ކުރިއަށް ގެންދާނީ އަތޮޅުތެރޭގައި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ކަނޑައަޅާ ރަށްތަކުގައާއި މާލޭގައެވެ. ފޯމު ހުށައަޅާ ފަރާތްތަކަށް ހާޒިރުވުމަށް އެންމެ ފަސޭހަ ރަށެއްގައި އޮންނަ އޮޑިޝަނެއްގައި ބައިވެރިވެވޭނެއެވެ.

ސެމީ ފައިނަލް ބުރު ކުރިއަށް ދާނީ، އޮޑިޝަނުގެ ކޮންމެ ކެޓަގަރީއަކުން %80 މަތިން މާކްސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 500 ބައިވެރިންނެވެ. އަދި ފައިނަލް ބުރު ކުރިއަށް ދާނީ ސެމީ ފައިނަލުގެ ކޮންމެ ކެޓަގަރީއަކުން %85 މަތިން މާކުސް ހޯދާ ބައިވެރިންގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭ 150 ބައިވެރިންނެވެ.

މުބާރާތުގެ ފައިނަލް ބުރު ކުރިއަށް ގެންދާނީ މާލޭގައެވެ. މުބާރާތުގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. މުބާރާތުގެ ފައިނަލުގައި ވާދަކުރާ ބައިވެރިންގެ ތެރެއިން ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ އުމުރުފުރާތަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. އަދި މުޅި މުބާރާތުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ބައިންނާއި ޙާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާނެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އިނާމް ލިބޭނީ ދެ ގޮފިންނާއި ހާފިޡުންގެ ބައިން އެއްވަނަ ދެވަނަ އަދި ތިންވަނައަށް ހޮވޭ ބައިވެރިންނަށެވެ.

މި މުބާރާތް ހާފިޘުންގެ ބައިގެ އިތުރުން 8 އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށް ވަނީ ނިންމާފައެވެ. ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ، މިއަހަރުގެ މުބާރާތުގަިއ ބައިވެރިވުމަށް ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އެކި ބައިތަކުން 1ވަނަ ހާސިލުކުރާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލްކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމަޔަށް އެފަރާތަކުން ބޭނުން ޤައުމަކުން ތަޢުލީމް ޙާސިލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ދިނުމަށް ވަނީ ނިންމާފައެވެ.