ޚަބަރު

އެފޯޑަބަލް ހައުސިންއާއެކު އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުވާނެ


  • ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހަދަން ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވި

ބީއެމްއެލް އެފޯޑަބަލް ހައުސިންގގެ ސަބަބުން ދިވެހި ޢާއިލާތަކަށް ހަޤީގީ މާނާއިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރު ކޮށްދިނުމަށް މަގުފަހިވެފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢަކީ ކާމިޔާބު އަދި ނަތީޖާ ނެރެވޭނެ މަޝްރޫޢަކަށް ހެދުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ކުލި ދައްކަން ނުޖެހޭ ގޮތަށް ބިން ހަމަޖައްސަވައި ދެއްވުމަކީ، ސަރުކާރުން ނިންމެވި ވަރަށް ޙިކުމަތްތެރި އަދި ދުރުވިސްނޭ ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ސަބަބުން، ދިވެހި ޢާއިލާތަކަށް ހަޤީގީ މާނާއިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރު ކޮށްދިނުމަށް މަގުފަހިވެފައިވާ ކަމަށެވެ.

"މީގެ ސަބަބުން މަޝްރޫޢުގެ ޚަރަދު ބޮޑުތަނުން ކުޑަވެފައި، ދިވެހި ޢާއިލާތަކަށް ހަޤީގީ މާނައިގައި އަގުހެޔޮ ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަށް މިވަނީ މަގުފަހިވެގެން ގޮއްސަ. މިއީ ހަރުދަނާ ސިޔާސަތުތަކެއްގެ ސަބަބުން ރައްޔިތުންނަށް ސީދާ މަންފާކުރާނެ ކަމުގެ ލާމަސީލު މިސާލެއް". ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާދާއިރާއެއްގައި ތަޢާރަފް ވެގެންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުލި ދައްކަމުން ގޮސް މިލްކުވާ މޮޑެލްއެއް ފުޅާދާއިރާއެއްގައި ތަޢާރަފް ވެގެންދާނެ. މީގެ ސަބަބުން ކުރިން އެޑްވާންސްއަށް ދައްކަންޖެހޭ ބޮޑެތި ފައިސާގެ އަދަދު ދެއްކުމުގެ ބުރަ ކުޑަވެ، އަތްފޯރާފަށުގައި އަމިއްލަ ގެދޮރު މިލްކު ކުރުމުގެ ފުރުޞަތު ލިބިގެންދާނެ". ޝަރީފް ވިދާޅުވިއެވެ.

މީގެއިތުރުން ޝަރީފް ވަނީ، ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ. އަދި އެއްބަސްވެފައިވާ ފެންވަރަށް، ކަނޑައެޅިފައިވާ މުއްދަތަށް މި މަޝްރޫޢުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބޯހިޔާވަހިކަން ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށްޓަކައި ބީއެމްއެލްއިން ވަނީ، ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އެޕާޓްމަންޓެއް ގަތުމާއި ގެއެއް އެޅުމަށް އަމިއްލައަށް ކުރަންޖެހޭ ޚަރަދު 20 އިންސައްތައިން 5 އިންސައްތައަށް ދަށްކޮށްފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.