ވިލިމާލޭގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު މެދުތެރޭގައި ފަށާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވިލިމާލޭގައި ޓަރޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޢިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ވިލިމާލޭގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައ ވާހަކަފުޅޫދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ވިލިމާލޭގައި ތަރައްޤީކުރާ ޓަރޝަރީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް މިއަހަރު ޖުލައި ނުވަތަ އޮގަސްޓު މަސްތެރޭ ފެށިގެންދާނެކަމަށެވެ.
"ވިލިމާލޭގައި ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލު އެޅުމުގެ ޢަމަލީ މަސައްކަތް މިއަހަރު ޖުލައި ނުވަތަ އޮގަސްޓު ހިސާބު ފެށިގެންދާނެ" ވަޒީރު ވިދާޅުވިއެވެ.
ވިލިމާލޭގައި 112 އެނދުގެ މި ހޮސްޕިޓަލް ތަރައްޤީކުރަނީ ޓަރޝަރީ ފެންވަރަށެވެ. ހޮސްޕިޓަލް އިމާރާތްކުރަނީ 12،890 އަކަމީޓަރުގެ ސަރަޙައްދެއްގައެވެ.
މި ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ޚިދުމަތްތަކާއި ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ޚާއްޞަ ސަރަޙައްދުތަކާއި މެޑިކަލް ވޯޑުތަކުގެ އިތުރުން އިދާރީ އޮފީސްތައް ހިމެނޭނެއެވެ. އަދި ޓަރޝަރީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫޢުގެ ދަށުން ޗައިނާ ސަރުކާރުން ފޯރުކޮށްދޭނެއެވެ.
މި މަޝްރޫޢުގެ މަސައްކަތްކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ މިދިޔަ ޖެނުއަރީމަސްތެރޭގައެވެ.
ވިލިމާލޭގައި ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއް އިމާރާތްކޮށް ހިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.