ބީއެމްއެލްއިން ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢާއެކު އެތައް ޖީލަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، ބީއެމްއެލްއިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓަކީ، ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް ކަމަށެވެ. އަދި މި ބަދަލާއެކު އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު ހުޅުވިފައިވާ ކަމަށެވެ.
"މިއީ ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ރައީސުލްޖުމްހޫރިއްޔާ ގެނެސްދެއްވި މުހިންމު ބޮޑު ބަދަލެއް. މި ބަދަލާއެކު އެތައް ފުރުޞަތެއް ވަނީ ހުޅުވިފައި. އެތައް ޖީލަކަށް ބޯހިޔާވަހިކަން ލިބުމުގެ ފުރުޞަތު މިވަނީ ހުޅުވިގެން ގޮއްސަ". ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުންނަށް ޚާއްޞަ ކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދިއުމަށް ނިންމަވާ، ވިލިމާލޭގެ ގޯތިތަކުގައި 10 ފަންގިފިލާއަށް އިމާރާތްކުރަން ހުއްދަ ދެއްވަން ނިންމެވުމާއެކު އެކަމަށް ފާޑުކީ ބަޔަކުވެސް ތިބި ކަމަށެވެ.
ނަމަވެސް އެކަން އެގޮތަށް ނިންމެވީ، ވިލިމާލޭގައި އިތުރުވަމުން އަންނަ އާބާދީއަށް ބަލައި، ކުރިއަށް އޮތް ޖީލުތަކަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރައްވަނީ، ވިލިމާލެއަކީވެސް މާލެއާއި ހުޅުމާލެއާއި އެއްހަމަވެފައިވާ ތަނަކަށް ހެދުމަށް ކަމަށެވެ.
ވިލިމާލޭގައި ތަރައްޤީ ކުރާ 300 ހައުސިން ޔުނިޓު އެޅުމަށް ޙަވާލުކޮށްފައިވަނީ، ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 17 ފަންގިފިލާގެ 3 ޓަވަރެވެ.