ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރަން ފަށައިފިއެވެ. މި މަސައްކަތުގެ ތެރެއިން މިއަދު އެކަނިވެސް 11 ފަރާތަކަށް ބިން ޙަވާލުކޮށްފައިވެއެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ބިން ދޫކުރަން ކަނޑައެޅީ އެ ސަރަހައްދު ނުހިއްކައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތްތައް އެކި ފަހަރުމަތިން ފެށި ނަމަވެސް، އެ މަސައްކަތް އޮތީ ކުރިއަށް ނުގޮސް ހުއްޓިފައެވެ. ނަމަވެސް އަދުގެ ސަރުކާރުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސިއެލްއާ ޙަވާލުކޮށް 3ވަނަ ފިޔަވަހީގެ ގޮތުގައި 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ ޖެނުއަރީ މަހުގެ 25ވަނަ ދުވަހު ވަނީ ނިންމާލާފައެވެ.
ހުޅުމާލެއިން އަލަށް ހިއްކި ފޭސް 3 ސަރަޙައްދުން 698 ގޯތި ދޫކުރުމަށް ނިންމާފަވެއެވެ.
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650 އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ބިން ދޫކުރުމާ ގުޅޭގޮތުން ދެއްވި އިންޓަވިއުއެއްގައި، އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރައްވަނީ އަންނަމަހުގެ 15ގެ ކުރިން ފޭސް 3 އިން ގޯތި ލިބުނު ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް ނިންމާލުމަށް ކަމަށެވެ.
" ޖުމްލަ 11 ފަރާތަކަށް މިއަދު އަޅުގަނޑުމެން ގޯތި ޙަވާލުކުރާނެ. ދެން ކޮންމެ ދުވަހަކުވެސް ސާރވޭކޮށްފަ އިން ވަކި ކުރެވޭ މިންވަރަކުން ޙަވާލު ކުރަމުން ދާނަން. އަޅުގަނޑުގެ އުއްމީދަކީ ކުރިއަށް މިއޮތް އޭޕްރިލް މަހުގެ 15ވަނަ ދުވަހާ ހަމައަށް ގޯތި ލިބުނު ފަރާތްތަކުން އެދިވަޑައިގަންނަވާ މިންވަރަކުން ބިން ޙަވާލުކުރުން". ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން މިއަދާ ހަމައަށް ޖުމްލަ 337 ފަރާތަކަށް ރަޖިސްޓްރީ ޙަވާލުކޮށްފައިވާ ކަމަށެވެ.
ހުޅުމާލެ 3ވަނަ ފިޔަވަހިން ގޯތި ލިބުނު ފަރާތްތަކަށް ގޯތި އޮންނަ ސަރަހައްދު ނުވަތަ ޕްލޮޓް ކަނޑައެޅުމަށް އެކަމުގެ ގުރުއަތު ނަގާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 20ވަނަ ދުވަހުއެވެ.