މާލެ ސަރަޙައްދުގައި އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މި މަސައްކަތް މިހާރު އެސްޓީއޯއިން ކުރަމުން ދާ ކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ތެލާއި ގޭސް ފޯރުކޮށްދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި ދުވަސްވަރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު ވަނީ އުފުލިފައެވެ. އަދި ރާއްޖޭގައި ގޭހުގެ ޑިމާންޑު އިތުރުވުމުން ބައެއް ފަހަރު ލިމިޓް ކޮށްގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭސްއިން ދަނީ، ލިމިޓްކޮށްގެން ވިއްކަމުންނެވެ. ނަމަވެސް ސްޓޮކް އިޔާދަވުމުން އާންމު ހާލަތުގައި އެކުންފުނިން ގޭސް ވިއްކައެވެ.
މިމައްސަލަ ޙައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވާ މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ރާއްޖެއަށް ގޭސް ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށެވެ. ވަޒީރު ވިދާޅުވީ، މި ސަރަހައްދުގައި ސްރީލަންކާ އަދި ބަންގްލަދޭޝްއަށްވެސް ގޭސް ސަޕްލައިކޮށްދޭ ފަރާތަކީ ރާއްޖެއަށްވެސް ގޭސް ސަޕްލައިކޮށްދޭ ފަރާތް ކަމަށެވެ. އަދި މި ސަރަހައްދުގެ ޤައުމުތަކަށް ގޭސް ޑިސްޗާޖް ކުރަނީ، ކުދި ބޯޓުތަކުގައި ކަމަށްވެފައި މި ސަރަހައްދުގެ މޫސުން އޮންނަ ގޮތުން، މިމަސައްކަތް ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވަނީ މި މައްސަލަ ޙައްލުކުރުމަށް، އެސްޓީއޯއިން ގޭހުގެ ސްޓޯރޭޖް ބޮޑުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ގޮތުން މިމަސައްކަތް މިއަހަރު ތެރޭ ނިންމާލެވޭނެ ކަމަށް އެސްޓީއޯއާއި ޙަވާލާދީ، މާލީ ވަޒީރު ވިދާޅުވިއެވެ.
" މިހާރު އަޅުގަނޑަށް އެސްޓީއޯއިން އަންގާފައި އޮތީ އިތުރު 1500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ތަރައްޤީކުރަން. މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓީއޯއިން ވިދާޅުވަނީ. އޭރުން އަޅުގަނޑުމެންނަށް 2 މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ މާލެ ސަރަހައްދުގައި. " މާލީ ވަޒީރު ވިދާޅުވިއެވެ.
މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ، 1000 ޓަނުގެ ސްޓޯރޭޖެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ އިތުރަށް އަމިއްލަ ކުންފުންޏެއް ކަމުގައިވާ ވިލާއިންވެސް ސްޓޯރޭޖެއް ގެންގުޅޭއިރު، ދެ ފަރާތުން އެކުގައި މިހާރު އޮންނަ ޑިމާންޑް މެނޭޖް ކުރަމުންދާ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ގޭހުގެ ޑިމާންޑް އިތުރުވުމާ ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި މޯލްޑިވްސް ގޭހުން ވަނީ ގޭސް ވިއްކުން ލިމިޓްކޮށްފައެވެ. އެގޮތުން 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުން ދިޔައީ 5 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް މިހަފްތާގައި ގޭހުގެ އައު ޝިޕްމަންޓް ލިބުމާއެކު ކުރިއެކޭ އެއްގޮތަށް ޚިދުމަތް ދޭން ފަށާފައިވާ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.