ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލަކީ ހިއްސާ ގަންނަން ބޭނުންވާ ޒުވާނުންނަށް ރަނގަޅު ފުރުސަތެއް ކަމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ މެނޭޖިންގ ޑިރެކްޓަރ އެންޑް ގްރޫޕް ސީއީއޯ މުހައްމަދު އައުޝަން ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަމުން އައުޝަން ވިދާޅުވީ އާންމުކޮށް ރާއްޖޭގެ ހިއްސާ ބާޒާރުގައި އެހެން ލިސްޓެޑް ކުންފުނިތަކުގެ ހިއްސާގެ އަގުތައް އުޅޭނީ ގާތްގަނޑަކަށް 40ރ އާއި 150 ރ އާއި ދެމުދުގަ ކަމަށާއި ބީއެމްއެލްގެ ހިއްސާއެއް އުޅޭނީ ގާތްގަނޑަކަށް 800ރ އަށް ކަމަށާއި އެހެންކަމުން އަލަށް ހިއްސާ ގަންނަން ބޭނުންވާ ޒުވާނަކަށް މިއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ. އެހެންކަމުން މި ބަދަލާއި އެކީގައި އަލަށް ހިއްސާ ގަންނަން ބޭނުންވާ ފަރާތްތަކަށް އާ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އައުޝަން ވިދާޅުވިއެވެ.
އައުޝަން ވިދާޅުވީ ހިއްސާގެ ބާޒާރުގައި ޒުވާނުންގެ ދައުރުފުޅާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން މިދިޔަ އަހަރު ޓްރޭޑިންގއާއި ގުޅޭ ހުރިހާ ކަމެއް ވާނީ އޮންލައިން ކުރެވިފައިވާކަމަށެވެ. އަދި ހިއްސާ ގަނެވިއްކޭ މޯބައިލް އެޕްލިކޭޝަނެއް ކަމަށްވާ 'އިންފިނިޓީ' އެޕް ނިންމުމަށް މަސައްކަތްކުރާ ކަމަށް ވިދާޅުވިއެވެ. އަދި މި ދާއިރާއިން ޒުވާނުން ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މައުލޫމާތު ލިބިފަހުރި އަދި މާކެޓަށް އިތުބާރު އޮތް ޒުވާން އިންވެސްޓަރުންގެ ޖީލެއް އުފެދިގެން އަސްލު މި މާކެޓް ކުރިއަށްއޮތްތަނުގައި ފުޅާ ކުރެވޭނީ" އައުޝަން ވިދާޅުވިއެވެ.
އައުޝަން ވިދާޅުވީ ރިސޯޓް ނުވަތަ ގެސްޓްހައުސް ލިސްޓްކޮށް ޑޮލަރުން ހިއްސާދާރުންނަށް އާމްދަނީ ލިބޭނެ ދުވަހެއް ދެކެން ބޭނުންވާ ކަމަށެވެ. އަދި ބީއެމްއެލްގެ މިސާލު ދައްކަވަމުން އައުޝަން ވިދާޅުވީ ލިސްޓްކޮށްފައިވާ ކުންފުނިތަކުން ވެސް ހިއްސާ އަށް މިފަދަ ފަހި ބަދަލުތަކެއް ގެނައުމަކީ މުހިއްމުކަމެއް ކަމަށެވެ.
ބީއެމްއެލް އިން ހިއްސާ އަށް ގެންނަ ބަދަލުގެ ތެރޭގައި ހިއްސާދާރުންގެ އަތުގައި 'ރެކޯޑް ޑޭޓް' ( 18 މާރިޗު 2026) އާ ހަމަޔަށް ހުރި މޫނުމަތީ އަގުގެ 50 ރުފިޔާ ގެ ކޮންމެ 1 ހިއްސާއަކަށް 2 ބޯނަސް ހިއްސާ ދޫކުރުމަށް ބޯޑުން ވަނީ އާންމު ޖަލްސާއަށް ހުށަހަޅާފައެވެ. ބޯނަސް ހިއްސާ ދޫކުރުމަކީ މިހާރު ތިބި ހިއްސާދާރުންގެ އަތުގައި ހުރި ހިއްސާގެ ނިސްބަތަށް ބަލައި އެއްވެސް އަގަކާ ނުލައި އިތުރު ހިއްސާ ބެހުމެވެ. މިސާލަކަށް 100 ހިއްސާ އޮތް ފަރާތަކަށް އިތުރު 200 ހިއްސާ ލިބޭނެއެވެ. އެހެންކަމުން، ޖުމްލަ ހިއްސާގެ އަދަދު 300 އަށް އިތުރުވާނެ.
ދެން އޮތީ 1 އިޒްޓު 10 ރޭޝިއޯ އިން ހިއްސާ ބައިކުރުމެވެ. ހިއްސާ ބައިކުރުމަކީ ހިއްސާދާރުންގެ އަތުގައި މިހާރު ހުރި ހިއްސާގެ އަދަދު އިތުރުކޮށް ހިއްސާއަކަށްޖެހޭ އަގު ދަށްކުރުމެވެ.
މި ރޭޝިއޯއިން ބޭންކުގެ ހިއްސާ ބައިކުރުމުން ބޯނަސް ހިއްސާއާއެކު މިހާރު ހުރި ކޮންމެ ހިއްސާއެއް 10 ބަޔަށް ބައިކުރެވޭނެއެވެ. އެހެންކަމުން މިހާރު 100 ހިއްސާ އޮންނަ މީހަކަށް ޖުމްލަ 3000 ހިއްސާ ލިބޭނެއެވެ.
އެއާއެކު ކޮންމެ ހިއްސާއެއްގެ މޫނުމަތީ އަގު 50 ރުފިޔާއިން 5 ރުފިޔާއަށް ކުޑަވާނެއެވެ. މި ބަދަލުގެ ސަބަބުން ހިއްސާދާރުންގެ ހިއްސާގެ ޖުމްލަ އަގަކަށް ބަދަލެއް ނާންނާނެކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.
ބޭންކުން ހިއްސާ ބައިކުރުމަށް ނިންމި މަގުސަދުތަކުގެ ތެރޭގައި އިންވެސްޓަރުންނަށް ބޭންކުގެ ހިއްސާ ކުޑަ އަގެއްގައި ހޯދުމަށް މަގުފަހިކޮށްދިނުމާއި، ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބައިވެރިވުން އިތުރުކުރުމަށް ހިތްވަރުދިނުން ހިމެނެއެވެ. އަދި މާކެޓް ލިކުއިޑިޓީ އަދި ހިއްސާގެ ބާޒާރުގެ ހަރަކާތްތަކަށް މަގު ފަހިކޮށްދިނުމާއި، މުސްތަގުބަލުގައި އިތުރު ހިއްސާ ދޫކުރަން ނިންމައިފި ހާލަތެއްގައި އެކަމަށް ތައްޔާރުވުން ހިމެނޭކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.