ކުޅިވަރު

ލިވަޕޫލަށް ފަހު ސަލާހް ދިއުން ގާތީ ސައޫދީ ލީގަށް


މި ސީޒަނަށް ފަހު ފޯވަޑް މުހައްމަދު ސަލާހް ލިވަޕޫލަށް ދޫކޮށްދިއުން ގާތީ ސައޫދީ އަރަބިއާގެ ލީގަށް ކަމަށް މެދުއިރުމަތީގެ ގިނަ މީޑިއާތަކުން ބުނަން ފަށައިފި އެވެ. ސަބަބަކީ އޭނާ އަކީ މުސްލިމަކަށް ވުމާއި އެ ލީގުގެ ކުލަބުތަކުން ހުށަހަޅާ މުސާރަ ޔޫރަޕުގެ އެހެން ކުލަބުތަކަށް ދޭނެ ދަތިވާނެތީ އެވެ.

އުމުރުން މިހާރު 33 އަހަރުގެ ކުޅުންތެރިޔާ އާއި ލިވަޕޫލާއި ދެކެވުނު ވާހަކަތަކަށް ފަހު މިހާރު ނިންމާފައިވަނީ މި ސީޒަނަށް ފަހު މިސުރުގެ ކެޕްޓަން ހިލޭ ޓްރާންސްފާއެއްގައި އެހެން ކުލަބަކަށް ބަދަލުވުމަށެވެ. ސަލާހާއި ލިވަޕޫލާ ދެމެދު މިދިޔަ ސީޒަނަށް ފަހު ހެދި ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ. ނަމަވެސް އޭނާ ފޮނުވާލަން އިސްނެގީ ލިވަޕޫލްގެ މެނޭޖްމަންޓެވެ. އެކަމުގައި ދެކެވުނު ވާހަކަތަކަށް ފަހު ދެ ފަރާތަކަށް ވެސް ފެނުނީ މިއީ ވަކިވާން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. މި ވާހަކަތައް ލިވަޕޫލްގެ މެނޭޖްމަންޓުން ލީޑް ކުރީ ޓީމު ބަދަލު ކުރުމަށް އޭނާ ފަދަ ދުވަސްވީ ކުޅުންތެރިން ފޮނުވާލަން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަންނަ ސީޒަނުގައި ލިވަޕޫލްގެ ކޯޗުކަމުގައި ކޮންމެ މީހަކު ހުއްޓަސް ސަލާހް ފަދަ ކުޅުންތެރިން ދޫކޮށްލަން ދަނީ ބާރު އަޅަމުންނެވެ.

"މުހައްމަދު ސަލާހް ވަނީ ލިވަޕޫލްގައި އޭނާގެ ދޮރުފޮތިގަނޑު ބަންދުކޮށްލަން ނިންމާފައި. ސަލާހް ބޭނުންވީ އޭނާގެ ނިންމުން ކުރިއާލައި ސަޕޯޓަރުންނަށް އެންގުމަށް. މި ކުލަބުގައި އޭނާގެ ނުވަ އަހަރުވީ ބާބު މިވަނީ ނިމުމަކަށް ގެންނަން ނިންމާފައި،" ލިވަޕޫލުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސަލާހް ވަނީ ލިވަޕޫލަށް މިހާތަނަށް 435 މެޗުން 255 ގޯލު ޖަހައިދީފަ އެވެ. މިއާއެކު އެ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިއަކީ ވެސް އޭނާ އެވެ. 2017 ވަނަ އަހަރު އިޓަލީގެ ރޯމާއިން ލިވަޕޫލަށް ބަދަލުވުމަށް ފަހު އޭނާ ވަނީ ދެ ފަހަރު ޕްރެމިއާ ލީގު ކާމިޔާބުކޮށްދީ ތިން ފަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޓީމު ގެންގޮސްދީ އެއް ފަހަރު ތަށި ހޯދައިދީފަ އެވެ. މީގެ އިތުރުން ކުލަބު ވޯލްޑް ކަޕާއެކު ލިވަޕޫލްގައި އޭނާ ހޯދި ތަށީގެ އަދަދު ވަނީ އަށަކަށް އަރައިފަ އެވެ.

"އަހަރެން ބުނަން ބޭނުންވަނީ މި ކުލަބާއި އަހަރެންނާ ގުޅިފައިވާ މިންވަރު. މި ކުލަބާއި މި ސިޓީ އާއި މި ކުލަބުގެ ސަޕޯޓަރުންނާ އަހަރެންނާ ވަނީ ހާއްސަ ގުޅުމެއް. އެއީ އަހަރެންގެ ހަޔާތުގެ އެއްބައި. ލިވަޕޫލަކީ ހަމައެކަނި ފުޓްބޯޅަ ކުލަބެއް ނޫން. އެއީ ތާރީހެއް، އެއީ ވަރުގަދަ ރޫހެއް، އެއީ ގަދަފަދަ ލޯތްބެއް. ދެތިން ބަހަކުން މި ކުލަބު ބުނެނުދެވޭނެ. އަހަރުމެން އެކީގައި އުފާކުރިން. އަހަރުމެން އެންމެ މުހިންމު ތަށިތައް ހޯދިން. އުނދަގޫ ވަގުތުތަކުގައި އަހަރުމެން އެކުވެރިކަމާއެކު ވާދަކުރިން. އަހަރެން ބޭނުންވަނީ އަހަރެން މި ކުލަބުގައި ހޭދަކުރި މުއްދަތުގައި އެހީތެރިވެދިން އެންމެނަށް ޝުކުރު އަދާކުރަން. ހާއްސަކޮށް އެހާރާއި މިހާރުގެ ކުޅުންތެރިންނަށް،" ސަލާހް ބުންޏެވެ.

"ލިވަޕޫލް ދޫކޮށްލުމަކީ ފަސޭހަ ނިންމުމެއް ނޫން. މި ކުލަބުން ވަނީ އަހަރެންގެ ހަޔާލުގެ އެންމެ ކާމިޔާބު ދުވަސްތައް އަހަރެންނަށް ހޯދައިދީފައި. އަހަރެންނަކީ އަބަދުވެސް މި ކުލަބުގެ މީހެއް. މިއީ އަބަދުވެސް އަހަރެންނާއި އަހަރެންގެ އާއިލާ އަށް އަބަދުވެސް ގެއެއް ފަދަ ތަނެއް،" ސަލާހް ބުންޏެވެ.

ސަލާހާއި ލިވަޕޫލާ ދެމެދު ގުޅުން ގޯސްވާން ފެށީ މި ސީޒަނުގައި ކޯޗު އޭނާ ސްލޮޓް އޭނާ ބެންޗުގައި ބައިންދަން ފެށުމުންނެވެ. މިއާއެކު ސަލާޙް ބުނީ އޭނާ ބާކީ ކޮށްލައި ބަހުގެ ދަށަށް އެއްލާލައިފި ކަމަށާއި ލިވަޕޫލްގައި އޭނާ އަށް ހައްގު މަގާމު ނުދޭ ކަމަށެވެ. މިހެންވެ ދެން އިތުރަށް ކުޅެން ބޭނުންނުވާ ކަމަށް ވެސް ސީޒަނުގެ ކުރީކޮޅު އޭނާ ބުންޏެވެ.

ނަމަވެސް ފަހުން ކޯޗާއެކު މައްސަލަ ހައްލުކޮށް ކުޅެން ފެށި ނަމަވެސް އުމުރުން ދުވަސްވާން ފެށުމާއެކު ކުރީގެ ކުޅުން ނުދެއްކެން ފެށުމުން ސަލާހަށް ވަނީ ފާޑުކިއުންތައް ވެސް އަމާޒުވާން ފަށައިފަ އެވެ.

ލިވަޕޫލުން ބުނީ މި ސީޒަނަށް ފަހު ކުލަބު ދޫކޮށްލަން ނިންމި ނަމަވެސް ލިވަޕޫލަށް މި ސީޒަނުގައި ހޯދޭނެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދައިދިނުމަށް ސަލާހް މަސައްކަތް ކުރާނެ ކަމަށެވެ.