ޚަބަރު

ޢީދު ބައިބަލާ: ކާސިންޖީ ބަލިކޮށް ބީޖީ ކުރިއަށް


ޢީދު ބައިބަލާ ޗެލެންޖު 1447ގައި ތިންވަނަ ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗުން މޮޅުވެ ބީޖީ ސްޕޯޓްސް ކްލަބް ކުރިއަށް ޖެހިލައިފިއެވެ. ކާސިންޖީ އާއި ބައްދަލުކުރި މިމެޗު ބީޖީ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ ކޮޅަކަށް ގޭމެއް ދިއުމުން ގަދަ ހިފުމަށްގޮސް ކުރި ހޯދައިގެންނެވެ. ބައިބަލާގެ އެންމެ ކާމިޔާބު ޓީމު ބީޖީއަށް މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ފަރާޙް ޝާމްއެވެ.

މިމުބާރާތުގެ 3 ވަނަ ރޭ ވަނީ 6 މެޗެއް ކުޅެވިފައެވެ. މިގޮތުން ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ޓީސީ ރެޑް ލައަންސް އާއި ދަ ވަން ސްޕޯޓްސް ކްލަބެވެ. މިމެޗު ސީދާ 2 ގޭމުން ކާމިޔާބުކުރީ ދަ ވަން ސްޕޯޓްސް ކްލަބެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދަ ވަންގެ ޔޫސުފް މުޝައްރަފެވެ.

ދެވަނަ މެޗުގައި ކުޑަހެންވޭރު ސްޓްރީޓްސްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ދެވަނަ މޮޅު ދަ ބީޖީސްއިން ވަނީ ހޯދާފައެވެ. އެއީ ސީދާ 2 ގޭމުން މެޗު ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ދަ ބީޖީސްގެ ހުސެއިން އަރްޖުންއެވެ.

ތިންވަނަ ރޭގެ ތިން ވަނަ މެޗުގައި ލޮރެންޒޯ ސްޕޯޓްސް ކްލަބުން ވަނީ އެލްޓީ ސްޕޯޓްސް ކްލަބް 2 ގޭމުން ބަލިކޮށް ދެ މޮޅާއެކު ކުރިއަށް ޖެހިލާފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ލޮރެންޒޯގެ އިބްރާހިމް ރަޝީދެވެ.

ކާސިންޖާސް މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ މީޓް ދަ އީގަލްސް އާއެވެ. މިމެޗުވެސް 2 ގޭމުން ކާމިޔާބުކުރީ ކާސިންޖާސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކާސިންޖާސްގެ ހުސެއިން ރަޝީދެވެ.

ތިންވަނަ ރޭ ކުޅެވުނު ފަހު މެޗުގައި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ގުނާލެވޭ ދަ ވޮލްވްސް ވަނީ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދާ މުބާރާތުގެ ދެވަނަ މޮޅު ޔަގީންކޮށްފައެވެ. ދެ ގޭމުން މިމެޗު ވޮލްސް ކާމިޔާބުކުރި އިރު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ވޮލްވްސްގެ އިޖާބަތު ޝަރީފެވެ.