ޚަބަރު

ވަޒީރު އެދިވަޑައިގަތީ ޒުވާން ޓީމާއެކު ޤައުމު އޮތްކަން ހާމަކޮށްދިނުމަށް!


  • ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ނިކުންނާނީ ސްރީލަންކާއާ ދެކޮޅަށް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕު މުބާރާތުގައި ދިވެހި ގައުމީ ޓީމު ފުރަތަަމަ މެޗަށް މިރޭ ނިކުންނައިރު ވީހާވެސް ގިނަ ސަޕޯޓަރުން މިކަމުގައި ބައިވެރިވެ ޓީމާއެކު ތިބިކަން ހާމަކޮށްދިނުމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިޢު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިޢު ވިދާޅުވީ، ފުޓުބޯޅައާއި އެހެނިހެން ކުޅިވަރުތަކުގައިވެސް ކާމިޔާބީތަކަކީ އެންމެންވެސް ފަހުރުވެރިވާ އަދި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ލިބޭ ވަރަށް ބޮޑު ހިތްވަރަކަށްވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުގެ ހަމަ ވަރަށް ބޮޑު އެދުމެއް އަޅުގަނޑުމެންގެ ޓީމަށް ސަޕޯޓު ކުރުން، އަޅުގަނޑުމެންގެ ޓީމަސް ދުޢާ ކުރުން. އަޅުގަނޑުމެންގެ ޓީމާއެކީގައި ތިބޭކަން އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާމަކޮށްދިނުން" ވަޒީރު ވިދާޅުވިއެވެ.

އެކި ކުޅިވަރުތަކުން ބައިނަލްއަގްވާމީ މުބާރާތްތަކަށް ތައްޔާރުވަމުން އަންނަ އިރު، މާލޭގައި މިއަދު ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަކީ މިއީ 2021 ވަނަ އަހަރަށް ފަހު މާލޭގައި ބޭއްވޭ ސަރަހައްދީ ފުޓްބޯޅައިގެ އެންމެ ބޮޑު ހަރަކާތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކުޅިވަރުގެ ދާއިރާއިން މިވަގުތު ގައުމުގައި ހިންގާ ބޮޑެތި ކަންތައްތައް ފާހަގަ ކުރައްވަމުން ވަޒީރު ރާފިޢު ވަނީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ފުޓްބޯޅައިގެ ސަރަހައްދީ ބޮޑު މުބާރާތެއް ރާއްޖޭގައި ބާއްވާއިރު ފުޓުބޯޅަ އަލުން އިޔާދަކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވި އަހަންމިއްޔަތުކަން ބޮޑުކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިތުރުން ބަންގްލަދޭޝް، އިންޑިއާ، ޕާކިސްތާން، ސްރީލަންކާގެ އިތުރުން ބޫޓާނާއި ނޭޕާލް ހިމެނޭހެން ޖުމްލަ ހަތް ޓީމުން ބައިވެރިވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މުބާރާތް ހުޅުވާ މެޗުގައި މިރޭ ރާއްޖެ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ.

އޭޕްރީލު 03 ގެ ނިޔަލަށް ގަލޮޅު ދަނޑުގައި ކުރިޔަށް ގެންދާ މި މުބާރާތުގައި ދެވަނަ މެޗުގައި 25 ވަނަ ދުވަހުގެރޭ ރާއްޖެ ނިކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި 27 ވަނަ ދުވަހުގެ ހަވީރު ނިކުންނާނީ އެންމެފަހުގެ ރަނަރަޕް ނޭޕާލާއި ދެކޮޅަށެވެ.