ޚަބަރު

ގުރޫޕް ސްޓޭޖަށް ބޮޑު ސަމާލުކަމެއް ދޭނަން: ނޭޕާލް


  • ނޭޕާލް ފުރަތަމަ މެޗުގައި ނިކުންނާނީ ބޫޓާނާއި ދެކޮޅަށް

  • ދެވަނަ މެޗުގައި ނިކުންނާނީ 25 ވަނަ ދުވަހު ސްރީލަންކާއާއި ދެކޮޅަށް

މާދަމާ ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރިވާ ނޭޕާލްގެ ގައުމީ ޓީމުން މިއަހަރު ބޮޑު ސަމާލުކަމެއް ދޭނީ ގުރޫޕް ސްޓޭޖުގެ ނަތީޖާތައް ރަނގަޅު ކުރަން ކަމަށް ކޯޗު އުރުޖަން ޝްރެސްތާ ބުނެފިއެވެ.

އެންމެ ފަހުގެ މި އުމުރުފުރާގެ ރަނަރަޕް ޓީމު، ނޭޕާލް މިފަހަރު ހިމެނެނީ ގުރޫޕް އޭގައެވެ. މި ގުރޫޕުގައި ދެން ހިމެނެނީ ބޫޓާން، ދިވެހިރާއްޖެ އަދި ސްރީލަންކާއެވެ. ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނޭޕާލް ނިކުންނާނީ މިއަދު ހަވީރު 15:45 ގައި ބޫޓާނާއި ދެކޮޅަށެވެ. ދެވަނަ މެޗުގައި ނިކުންނާނީ 25 ވަނަ ދުވަހުގެ ހަވީރު ސްރީލަންކާއާއި ދެކޮޅަށެވެ. ތިންވަނަ މެޗުގައި ނިކުންނާނީ 27 މާޗްގައި ރާއްޖެއާއި ދެކޮޅަށެވެ.

މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ބުނީ، މިއީ އެ ގައުމުގެ ގައުމީ ލީގު ކުރިޔަށްދާ ދުވަސްވަރުކަމުން ކުޅުންތެރިން ހޮވުމަށް ވަރަށް ފަސޭހަވިކަމަށެވެ. އަދި އެކި މަގާމުތަކަށް ނަގާނެ ކުޅުންތެރިން ހޯދަންވެސް ފަސޭހަވިކަމަށެވެ. އެހެންކަމުން ސާފް ޗެމްޕިއަންޝިޕަށް ނިކުންނަ މި ޓީމުގެ ބުންވަރުވެސް ރަނގަޅު ކަމަށް ފާހަގަކުރިއެވެ.

ނޭޕާލުން ވަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މަހެއްހާ ދުވަހު ފަރިތަކުރުންތައް ބާއްވާފައެވެ. ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކަމުން ކޯޗު ބުނީ ހޮންކޮންގ އާއި އެކު އެކުވެރިކަމުގެ މެޗެއް ކުޅެފައިވާ ކަމަށާއި، އެ މެޗަކީ ޓީމަށް ލިބުނު ފައިދާއެއް ކަމަށެވެ.

ސާފްގެ އުމުރުފުރާ މުބާރާތްތަކުގައި ނޭޕާލަކީ ކާމިޔާބު ޓީމެއް ކަމަށާއި، ފައިނަލާއި ހަމައަށް ދިއުމުގެ ފުރުސަތު ލިބޭ ޓީމެއް ކަމަށްވެސް ކޯޗު ފާހަގަކުރިއެވެ. އެންމެފަހުގެ މުބާރާތުގެ ފައިނަލްގައިވެސް ނޭޕާލް ކުޅެފައިވެއެވެ. 2024 ވަނަ އަހަރު އަމިއްލަ ގައުމުގައި ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗު 4-1 ން ކާމިޔާބުކޮށް ޗެމްޕިއަންއަންކަން ހޯދީ ބަންގްލަދޭޝްއެވެ.

ނޭޕާލް ޓީމުގެ ކޯޗު ބުނީ، ކުރިން ހެދުނު ގޯސްތައް ރަނގަޅުކޮށް ގުރޫޕް ސްޓޭޖާއި ހަމައިން ފެށިގެން މަސައްކަތް ކުރާނީ މިއަހަރު ތަށި ހޯދަން ކަމަށެވެ.

މުބާރާތުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލް ޓީމުގެ ކެޕްޓަން ދަރްބެންދުރަ ކުންވާރްވެސް ބައިވެރިވެފައިވެއެވެ. އޭނާ ބުނީ ޓީމު އޮތީ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، ހުރިހާ ކުޅުންތެރިންވެސް މިތިބީ މޮޅުވުމުގެ އަޒުމުގައިކަމަށެވެ. ސަޕޯޓަރުންނާއި ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނީ ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ނޭޕާލް ރައްޔިތުންގެ ފަރާތުން މެޗުތައް އޮންނަ ދުވަސްތައް އޮޅުންފިލަން މެސެޖުތައް ލިބެމުންދާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ނޭޕާލް ރައްޔިތުންވެސް މެޗުތައް ބަލަން ދަނޑަށް އައިސް ޓީމަށް ސަޕޯޓުދޭނެ ކަމަށް ދަރްބެންދުރަ ބުންޏެވެ.