ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް ޕްރޮގުރާމެވެ. މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ކުރިމަތިވެފައިވާ އިމާމުންގެ ދަތިކަމަށް ޙައްލެއް ގެނައުމަށް ސަރުކާރުން ފައްޓަވާފައިވާ ޕްރޮގްރާމެކެވެ.
ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް ގިނަ އަދަދެއްގެ ޚަޠީބުން ވަނީ ތަމްރީންކޮށްފައެވެ. އަދި މިސްކިތްތަކުގައި އިމާމުވެ ނަމާދު ކުރުމުގެ ފުރުސަތުވެސް ދަނީ އެ ކުދިންނަށް ފަހިކޮށްދެއްވަމުންނެވެ.
މި ރަމަޟާންމަހަކީ މިގޮތުން ޒުވާން ޚަޠީބުންނަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ގިނަ ފުރުސަތުތަކެއް ފަހިކޮށްދިން ރަމަޟާންމަހެކެވެ. ގިނަ މިސްކިތްތަކެއްގައި ޒުވާން ހަތީބުން ވަނީ އިމާމުވެ ނަމާދުކޮށްފައެވެ.
މި ރަމަޟާންމަހުގެ ތެރޭގައި މާލެ ސަރަހައްދުގެ ގިނަ މިސްކިތްތަކެއްގައި ތަރާވީހް ނަމާދު ވަނީ ޒުވާން ޚަޠީބުން ކޮށްފައެވެ. އަދި ރަމަޟާންމަހު 20ވަނަ ދުވަހަކީވެސް ތާރީޚީ ދުވަހެކެވެ. އެ ދުވަހު މާލޭގެ ގިނަ މިސްކިތްތަކުގައި އިމާމުވެ ހުކުރު ނަމާދުކުރީ ޒުވާން ޚަތީބުންނެވެ. މާލޭގެ އެންމެ ބޮޑު މިސްކިތްތައްކަމަށްވާ އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން 26 މިސްކިތެއްގައި ޒުވާން ޚަޠީބުންވަނީ އެދުވަހު އިމާމުވެ ހުކުރު ކޮށްފައެވެ.
މާލޭގެ 2 ސަރަހައްދެއްގައި ބޮޑު ޖަމާއަތުގައި މިއަހަރުގެ ފިޠުރު ޢީދު ނަމާދު ކޮށްފައިވަނީވެސް ޒުވާން ޚަޠީބުންނެވެ. އެއީ މާލެ ބޮޑު ޖަމާއަތް (މާފަންނު ސްޓޭޑިއަމް) އާއި ވިލިމާލެ ބޮޑު ޖަމާއަތެވެ. މިއީ މިހާތަނަށް ފަހިކޮށްދީފައިވާ ފުރުސަތެއް ނޫނެވެ. މީގެކުރިން މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރަމުން އައީ ގިނައިން އުމުރުން ދޮށީ މީހުންނެވެ. ނަމަވެސް މުސްތަޤުބަލަށް މިޤައުމު ފަޚުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަޚްޞިއްޔަތުން ނެރުމުގެ މަޤްސަދުގައި ސަރުކާރުން ފެއްޓެވި، ޒުވާން ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމަށް އާންމުންގެބޮޑު ތަރުޙީބެއް އަންނަނީ ލިބެމުންނެވެ.
ޒުވާން ޚަތީބުން ތަމްރީނުކޮށް، މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުޞަތުތައް އެ ފަރާތްތަކަށް ފަހިކޮށްދެއްވުމަކީ، ދީނީ ކަންކަމަށް ޒުވާނުންގެ ހިތްތަކުގައި ލޯބި ޖައްސައި، ދީނީ ކަންކަމުގެ ކުރީ ސަފުގައި މަސައްކަތްކުރާ ޒުވާނުން އުފެއްދުމުގެ އިތުރުން، ބޮޑުވަމުން އަންނަ ކުދިން ދީނީ ކަންކަމުގައި ޝާމިލުވުމަށް ޝަޢުގުވެރިކަން އުފެއްދުމުގެ މަޤްސަދުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ފައްޓަވާފައިވާ މުހިންމު މަސައްކަތެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ޒުވާން ޚަޠީބުންނަށް މިސްކިތްތަކުގައި އިމާމުވެ ނަމާދުކުރުމުގެ ފުރުސަތު ދެއްވާފައިވަނީ، އިސްލާމީ ކަންކަން ހިންގުމާއި އިސްލާމީ ޚިދުމަތުގައި އެ ޒުވާނުންނަށް އޮތް ފުރުސަތުގެ ތަނަވަސްކަން ޔަޤީންކޮށްދިނުމަށްކަމަށެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމުގެ ދަށުން މިހާތަނަށް 500 އަށްވުރެ ގިނަ ޒުވާން ޚަޠީބުންވަނީ ތަމްރީނުކޮށްފައެވެ. އަމާޒަކީ، މި 5 އަހަރު ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީންކުރުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.