އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ހުރިހާ މެޗެއް، ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދައްކާގޮތަށް ހަމަޖެހިއްޖެއެވެ.
ރާއްޖެ ހިމެނޭހެން ޖުމްލަ ހަތް ޤައުމަކުން މި މުބާރާތުގައި ވާދަކުރެއެވެ. އެއީ އެންމެފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއާއި، އިންޑިއާ، ޕާކިސްތާން، ނޭޕާލް އަދި ބޫޓާންގެ އިތުރުން ސްރީލަންކާއެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތުން ދުރަށް ދައްކާއިރު، ރާއްޖޭގެ ޓީމު ކުޅޭ ހުރިހާ މެޗެއްގެ ކުރިން ވެސް، ޕްރީ ޝޯ ގެނެސްދޭނެއެވެ. މި ޕްރީ ޝޯތަކުގައި، ދިވެހި ފުޓުބޯޅައިގެ ތަޖުރިބާކާރުންނާ އެކު މުހިންމު މައުލޫމާތުތަކެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޕީއެސްއެމް އިން ވަނީ، ފުރަތަމަ ފަހަރަށް ރާއްޖެއިން ބައިނަލްއަގްވާމީ ފުޓުބޯޅައިގައި ރަން ކާމިޔާބީއެއް ހޯދި މުބާރާތްކަމަށްވާ، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި، ރާއްޖޭގައި ކުޅުނު ހުރިހާ މެޗަކާއި، ނޮކްއައުޓް ސްޓޭޖުގައި އަވަށްޓެރި ސްރީލަންކާގައި ކުޅުނު ހުރިހާ މެޗެއް ވެސް ބެލުންތެރިންނާ ހަމައަށް ވަގުތުން ގެނެސްދީފައެވެ. މީގެއިތުރުން، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް ބްރޯޑްކާސްޓިން ޕާޓްނަރަކީ ވެސް ޕީއެސްއެމް އެވެ.
ޤައުމީ ފުޓުބޯޅަ ޓީމުތަކާ ގުޅުންހުރި މިފަދަ ހުރިހާ މެޗެއް ވެސް، ދިވެހި ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމް އިން އަބަދުވެސް މަސައްކަތް ކުރެއެވެ. މި މަސައްކަތުގައި، މި އަހަރުގެ ޖެނުއަރީ މަހު ތައިލެންޑުގައި ބޭއްވި، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ވެސް ހުރިހާ މެޗެއް ޕީއެސްއެމް އިން ވަނީ ދިވެހިންނާ ހަމައަށް ގެނެސްދީފައެވެ.
މި މަހުގެ 23 ވަނަ ދުވަހު، 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ފަށާއިރު، މިއީ އުމުރުފުރައިގެ ބައިނަލްއަގްވާމީ ފުޓުބޯޅަ މުބާރާތެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.