ޚަބަރު

ރާއްޖެއާ ދެކޮޅަށް ކުޅެން ޕްރިލިމިނަރީ ސްކޮޑަކާއެކު ޓިމޯ ލެސްޓޭއިން ފަރިތަކުރުންތައް ފަށައިފި


  • ޓިމޯ ލެސްޓޭއިން ވަނީ 37 ކުޅުންތެރިންގެ ވަގުތީ ސްކޮޑެއް އެކުލަވާލާފައި

  • އެ ޓީމުގެ ކޯޗަކީ ޕޯޗުގަލްގެ ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ)

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް، ޓިމޯ ލެސްޓޭއިން ޕްރިލިމިނަރީ ސްކޮޑެއް އެކުލަވާލައި ފަރިތަކުރުންތައް ފަށައިފިއެވެ.

މި މެޗު އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ޓިމޯ ލެސްޓޭއިން ފަރިތަކުރުންތައް ފަށާފައިވަނީ 37 ކުޅުންތެރިންގެ ސްކޮޑަކާއެކުއެވެ.

ޕޯޗުގަލް ފުޓުބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ) ގެ އިރުޝާދުގެ ދަށުން ފަރިތަކުރުންތައް ކުރިއަށް ގެންދަމުންދާ ޓީމޯ ލެސްޓޭއިން ބުނެފައި ވަނީ، 37 ކުޅުންތެރިންގެ ސްކޮޑެއް ކޯޗު އެކުލަވާލާފައި ވަނީ، ވީހާވެސް ގިނަ ކުޅުންތެރިންތަކެއްގެ ފެންވަރާއި ހުނަރު ބެލުމަށްފަހުގައި، އެންމެ ރަނގަޅު، އެންމެ ވަރުގަދަ ސްކޮޑު ނެގުމުގެ މަގުސަދުގައި ކަމަށެވެ.

37 ކުޅުންތެރިންގެ އެ ސްކޮޑުގައި ގިނައީ ޒުވާން، އަރަމުން އަންނަ ކުޅުންތެރިންނެވެ. މިއީ މުސްތަގުބަލަށް ވިސްނާފައި ކޯޗު ނިންމި ނިންމުމެއްކަމަށް ޓިމޯ ލެސްޓޭގެ މީޑިއާ ތަކުން ބުނެއެވެ.

ކޯޗު ހޯސޭ ޕެޑްރޯ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭގެކުރިން އެ ޓީމުގެ ކޯޗަކަށް ހުރީ ޗިލީގެ ސިމޯން އެލިސީޗް އެވެ. ރާއްޖެއާ ދެކޮޅަށް، އޮސްޓްރޭލިއާގައި މިދިޔަ އަހަރު ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ކޯޗަކަށް ހުރީ ސިމޯން އެލިސީޗް އެވެ.

އެ މެޗުން ރާއްޖެ ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެ މެޗުގައި ރާއްޖޭގެ ކޯޗަކަށް ހުރީ އަލީ ސުޒެއިން އެވެ. އެހެންނަމަވެސް މިހާރު ރާއްޖެއިން ފަރިތަކުރުންތައް ކުރިއަށް ގެންދަމުން ދަނީ އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ.

ކޯޗު އުރުބާނީ ވެސް ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް އިއުލާނުކޮށް، ފަރިތަކުރުންތައް ފަށާފައެވެ.

ރާއްޖެއިން އިއުލާނުކުރި ސްކޮޑުން އެންމެ ފާހަގަކޮށްލެވެނީ، ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އަލީ އަޝްފާޤް (ދަގަނޑޭ) ސްކޮޑުގައި ހިމެނިފައިވާ ކަމެވެ.

މީގެއިތުރުން، މިއީ ގިނަ ދުވަސްތަކަކަށްފަހު، ގިނަ ކުލަބުތަކެއް ހިމެނޭހެން ގައުމީ ސްކޮޑް އެކުލަވާލި ފުރަތަމަ ފަހަރެވެ. އެގޮތުން ޓިމޯ ލެސްޓޭ މެޗަށް އެކުލަވާލި ޕްރިލިމިނަރީ ސްކޮޑްގައި ހިމެނެނީ ބުރުގެ ދެ ކުޅުންތެރިންނާއި، އީގަލްސްގެ 3 ކުޅުންތެރިންނާއި، މާޒިޔާގެ 8 ކުޅުންތެރިންނާއި، ނިއުރޭޑިއަންޓުގެ 5 ކުޅުންތެރިންނާއި، އޮޑީގެ 5 ކުޅުންތެރިންނާއި ވިކްޓްރީގެ 3 ކުޅުންތެރިންނެވެ.