ސްޕެއިންގެ ގަދަބާރު ބާސެލޯނާއަށް މި ސީޒަނުގައި އޮތް އެންމެ ބޮޑު އެއް ފައިދާއަކީ، ޓީމުގެ ކުޅުންތެރިން ގެންގުޅޭ، މޮޅުވުމުގެ، ވާދަވެރި ރޫހު ކަމަށް އެ ޓީމުގެ ކޯޗު ހާންސީ ފްލިކް ބުނެފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި 2-7 ގެ ނަތީޖާއަކުން ބާސާ ވަނީ ނިއުކާސަލް ބަލިކޮށްފައެވެ. މިއާއެކު އެގްރިގޭޓުގައި، 3-8 އިން ކުރި ލިބި ބާސާއަށް މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގައެއް ލިބިފައިވާއިރު، ޓީމުން މެޗުގައި ދެއްކި ކުޅުމާމެދު ކޯޗު ފްލިކް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން ފްލިކް ބުނީ، މެޗުގެ ދެވަނަ ހާފުގައި ބާސާގެ މުޅި ޓީމު ފެނިގެންދިޔައީ އާދަޔާ ޚިލާފަށް މޮޅުކޮށް ކަމަށެވެ. މެޗުގައި ހޯދި މޮޅުގެ ފަހަތުގައިވާ އެންމެ ބޮޑު ހިއްސާދާރަކީ ދެވަނަ ހާފުގައި ދެއްކި ކުޅުންކަމަށް ފްލިކް ބުންޏެވެ.
މެޗުގައި ބާސާއިން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ނިއުކާސަލް އިން ބާސާ ކޮޅަށް ދެލަނޑު ޖެހި ނަމަވެސް، ދެވަނަ ހާފުގައި އެ ޓީމަށް ބާސާގެ ގޯލު ފޫއަޅުވާލެވިފައެއް ނުވެއެވެ.
ފްލިކް އިތުރަށް ބުނީ، ޓީމުގެ ޑިފެންސް ލައިނުގައި ރަނގަޅުކުރަން ޖެހޭ ބައެއް ކަންކަން ހުރި ކަމަށާއި ދެން ހުރި މެޗުތަކާ ކުރިމަތިލާނީ އެ ކަންކަން ރަނގަޅުކުރުމަށްފަހު ކަމަށެވެ.
އަދި މުޅި މެޗުގައި ޓީމުގެ ޒުވާން ކުޅުންތެރިން ދެއްކި ހިތްވަރާއި މޮޅު ކުޅުމަށް ފްލިކް ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި މިފަދަ ކުޅުންތެރިންތަކެއް ބިނާކުރުމަށް ކުރި މަސައްކަތަށް، ބާސާގެ އެކަޑަމީއަށް ފްލިކް ވަނީ ޝުކުރު އަދާކޮށްފައެވެ.
ފްލިކް ބުނީ، ޓީމުން މި ސީޒަނުގައި ހާއްސަ ގޮތެއްގައި ދައްކަމުން އަންނަ މޮޅު ކުޅުމުގެ ފަހަތުގައިވާ އެންމެ ބޮޑު ސިއްރަކީ، ކޮންމެ ކުޅުންތެރިއަކު ވެސް، ކޮންމެ މެޗަކުން މޮޅެއް ހޯދުމަށް އެ ގެންގުޅޭ މޮޅުވުމާއި ވާދަވެރިކަމުގެ ވަރުގަދަ ރޫހު ކަމަށެވެ.
މެޗުން ހޯދި ބޮޑު މޮޅާއެކު ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ބާސާއިން ހޯދިއިރު ސެމީގައި ބާސާ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ.