ރާއްޖޭގައި ފުރަތަމަފަހަރަށް ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް އެއްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހުން ދަނީ ހަރަކާތްތެރިވަމުންނެއެވެ. އެގޮތުން އެންމެ ފަހުން ނެގިފައިވާ ތަފާސްހިސާބުތަކަށް ބަލާއިރުވެސް ރާއްޖޭގައި 7000އަށް ވުރެ ގިނަ މީހުން ދަނޑުވެރިކަމުގައި ދަނީ ހަރަކާތްތެރިވަމުންނެއެވެ. މީގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ އަންހެނުންކަން އެ ވުޒާރާއިން ވިދާޅުވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ދަނޑުވެރިންގެ ފުރިހަމަ މައުލޫމާތާއި ދަނޑުވެރިކަން ކުރާ ފަރާއްތަކުގެ މައުލޫމާތު އެންމެ ފުރިހަމައަށް އެއްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބުތައް އެއްކުރުމުގެ މަސައްކަތް މިއަހަރު ފެށުމައް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ތައްޔާރުވަމުންނެއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތަކީ އެވުޒާރާއިން އިސްނަގައިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކް އަދި އެފް.އޭ.އޯ އާއި ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަަމަށެވެ. މި މަސައްކަތުގެ ސުވާލު ކަރުދާސް ތައްޔާރު ކުރެވި ޕްރީ ޓެސްޓިންގ މަރުހަލާ މިހާރުވަނީ ނިމިފައިކަމަށް ވިދާޅުވިއެވެ. މިއަހަރު ތެރޭގައި ދަނޑުވެރިކަމުގެ ތަފާސްހިސާބުތަކުގެ މައުލޫމާތު ނެގުމުގެ މަސައްކަތް ފެށިގެންދާނެކަަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތާއެކު ރާއްޖޭގައި ދަނޑުވެރިކަންކުރާ ގޮތްތަކާއި ދަނޑުވެރިކަމުގެ ބާވަތްތަކުގެ މައުލޫމާތު ސައްހަކަމާއެކު އެއްކުރެވިގެންދާނެކަމަށެވެ. އަދި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ މީހުންގެ އަދަދާއި އެ ފަރާތްތަކަށް ބޭނުންވާ ކަންކަމުގެ އިތުރުން ދިމާވާ ގޮންޖެހުންތަކުގެ މައުލޫމާތު ނެގިގެންދާނެކަަމަށެވެ. އެވުޒާރާއިން ވިދާޅުވީ މި މަސައްކަތާއެކު ދަނޑުވެރިކަމުގައި ދަފްތަރުގައި ރަޖިސްޓްރީނުވެ މަސައްކަތްކުރަމުންދާ މީހުންގެ މައުލޫމާތުވެސް ނެގިގެންދާނެކަަމަށެވެ.
ދަނޑުވެރިކަމުގެ ދާއިރާގެ ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތުގެ އިތުރުން ދަނޑުވެރިކަމުގެ މަޢުލޫމާތު އެއްކުރުމަށް ޑޭޓާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތްވެސް އެވުޒާރާއިން ދަނީ ކުރަމުންނެއެވެ. މީގެ މަގުސަދަކީ ދެމެހެއްޓެނިވި ގޮތެެއްގައި ދަނޑުވެރިކަމާއި ގުޅޭ ތަފާސް ހިސާބު އެއްކުރެވި އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުންކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ދަނޑުވެރިންގެ އަދަދު އިތުރުކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމުގެ މަސައްކަތުގެ އިތުރުން ފަރުދީ ފެންވަރުގައި ދަނޑުވެރިކަމުން ނަފާ ހޯދާދީ، އުފައްދާ ބާވަތްތަކުން ދަނޑުވެރިޔާއަށް ހައްޤު އަގު ލިއްބައިދިނުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެއެވެ. މީގެއިތުރުން ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމުގެ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން 2 އަހަރުގެ ތެރޭގައި ޖުމްލަ 31 ރަށެއްގައި ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ވަނީ ހިންގާފައިއެވެ. މި ޕްރޮގްރާމްތަކުޖައި 845 މީހުން ބައިވެރިވެފައިވާއިރު އެއީ 474 އަންހެނުން އަދި 371 ފިރިހެނުނެވެ.