އެމެރިކާއާއި ޞަހްޔޫނީ ދައުލަތުން އިސްވެ އީރާނާ ދެކޮޅަށް ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ނޭދެވޭ އަސަރު ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް ފޯރަން ފަށައިފިއެވެ. މި ޢުދުވާނުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ގެއްލި، ތެލުގެ އަގު އިންތިހާއަށް އުފުލުމާ ގުޅިގެން، ސްކެންޑިނޭވިއާ ސަރަޙައްދުގެ އެންމެ ބޮޑު އެއާލައިން ކަމުގައިވާ އެސްއޭއެސްއިން އިން ވަނީ ކުރިއަށް އޮތް އޭޕްރިލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ 1،000 ފްލައިޓް ކެންސަލް ކުރުމަށް ނުވަތަ ހުއްޓައިލުމަށް ނިންމާފައެވެ.
އީރާނުގެ ސިޔާދަތަށް އަރައިގަނެ، އެމެރިކާއާއި ޔަހޫދީން ފެށި މި ހަނގުރާމަ ތިންވަނަ ހަފުތާއަކަށް ދެމިގެން ގޮސްފައިވާއިރު، އީރާނުން ދަނީ އަމިއްލަ ދިފާޢުގައި ދުޝްމަނުންނަށް ވަރުގަދަ ރައްދު ޙަމަލާތަކެއް ދެމުންނެވެ. ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށެވެ. އީރާނުން ވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ %20 އުފުލާ ހުރްމުޒް ކަނޑުއޮޅި ވެސް ބަންދުކޮށްފައެވެ. އެއީ، އެމެރިކާއާއި ޔަހޫދީންގެ، އަދި އެ ޤައުމުތަކާ ގުޅުން އޮތް ކުންފުނިތަކުގެ އާގުބޯޓުފަހަރަށެވެ. މި ޙާލަތާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގައި އެހީތެރިވުމަށް މަނަވަރުތައް ފޮނުވައިދިނުމަށް އެދި ހުޅަނގުގެ ދިފާޢީ އިއްތިޙާދުގެ (ނޭޓޯ) ކިބައިން އާދޭސް ދަންނަވާފައެވެ. ނަމަވެސް، އެ އިއްތިޙާދުގެ މެންބަރުން ވަނީ އެމެރިކާގެ ހަނގުރާމައިގައި ބައިވެރިވުމަށް އިންކާރު ކޮށްފައެވެ. އަދި، ވައިޓް ހައުސްގެ ޖައްބާރު ސިޔާސަތުތަކަށް ފުރަގަސްދީފައެވެ.
އެސްއޭއެސްގެ ސީއީއޯ އަންކީ ވޮން ޑޭ ވެއަރފް ވިދާޅުވީ، ފާއިތުވި ދިހަ ދުވަހުގެ ތެރޭގައި މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާ ކަމުގައެވެ. "މިއީ ވައިގެ އުދުހުންތަކުގެ މުޅި ސިނާއަތަށް ކުރިމަތިވި ބޮޑު ޝޮކެއް،" އޭނާ ވިދާޅުވިއެވެ. މާރިޗު މަހުގެ ތެރޭގައި އެތަކެއް ސަތޭކަ އުދުހުންތަކެއް ކެންސަލް ކުރަން އެސްއޭއެސްއަަށް މަޖުބޫރުވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ އިޤުތިޞާދަށް ކުރިމަތިވަމުންދާ މި ބޮޑު ނިކަމެތިކަމުގެ އަސްލު ކުށްވެރިންނަކީ، ހަމަޖެހުން ނަގައިލައި ހަނގުރާމަ އިސްކުރި އެމެރިކާއާއި ޞަހްޔޫނީންނެވެ. ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫއާއި އޭނާގެ އެންމެ ބޮޑު މަދަދުގާރު، ޓްރަމްޕެވެ. އެސްއޭއެސްއިން މިހާރު ވެސް ވަނީ ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓިކެޓްގެ އަގުތައް އުފުލައި، އެ ކަމުގެ ބުރަ ޢާންމު ދަތުރުވެރިންގެ ބޮލުގައި އަޅުވާފައެވެ. މި ޙާލަތުން އަރައިގަނެވޭނެ އެއްވެސް އަލިމަގެއް ފެންނަން ނެތްއިރު، މި ޢުދުވާނުގެ ސަބަބުން ހުޅަނގުގެ އިޤުތިޞާދީ މުއައްސަސާތައް އިނދަޖެހެން ފަށާފައިވާ ކަމުގައި މަސްރަޙް ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.