ޚަބަރު

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި


  • ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވޭ

  • ރޯވެފައިވަނީ ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައި

ގަލޮޅު މޯޗަރީ ކައިރީ ހުރި ގެއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފިއެވެ.

މަޢުލޫމާތު ލިބޭގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ، ހުވަފެނީ ގޯޅީގައި ހުރި ގެއެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގައިގެން އެކަމުގެ މައުލޫމާތު ލިބިފައިވަނީ 10:30 ހިސާބުގައެވެ. އަދި އެމްއެންޑީއެފްއިން ދިޔައީ އެހައި ހިސާބުން އަލިފާން ނިއްވާލުމަށް ހަރަކާތްތެރިވަމުންނެވެ. އަލިފާނުގެ ހާދިސާ ހިނގި ގެ ހުރީ ވަރަށް ހަނި ގޯޅިއެއްގައެވެ. އަލިފާނުގެ ހާދިސާގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. އަދި މިވަގުތަށް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެސަރަހައްދުގައި ހަރަކާތްތެރިވާ އެމްއެންޑީއެފްގެ ފަރާތުން ޕީއެސްއެމް އަށް ވަނީ ކަށަވަރުކޮށްދީފައިވެއެވެ.

މި ގެއަކީ 2 ފަންގިފިލާއަށް ޑެކް އަޅައިގެން ފިލާ ބޭނުންކޮށްގެން ހަދާފައިވާ ގެއެކެވެ. ޕީއެސްއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ގެ ބޭނުންކުރަމުން ދިޔައީ، ބައެއް މުދާ ގުދަން ކުރުމަށެވެ. މި އިމާރާތަކީ އެއްވެސް ފަރާތަކުން ދިރިއުޅެމުން ނުދާ އިމާރާތެއް ކަމަށް، ޕީއެސްއެމްއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބާވެ ބޭނުން ނުކުރެވޭ ވަރު ވެފައިވާތީ ގެ ތަޅާލުމަށް ގެ ހުސް ކުރަމުންދިޔަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ސަރަހައްދުގައި ދުމުގެ އަސަރު ހުރުމުން، އަލިފާން ހިފާފައިވާ ސަރަހައްދަށް ޖަމާނުވުމަށާއި، ބޭރަށް ނިކުންނަ ނަމަ ނޭފަތާއި އަނގަ ނިވާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނޭވާލާން އުނދަގޫވެ، ބޯއަނބުރާނަމަ ސިއްޙީ އެހީތެރިކަން ހޯދުަމަށް ކަމާއިބެހޭ އިދާރާތަކުން ދަނީ އިރުޝާދު ދެމުންނެވެ.