ޚަބަރު

ގަލްފު ޤައުމުތަކާއެކު އޮތް ގުޅުން މުރާޖަޢާކުރަން އީރާނުން ބޭނުންވޭ


ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފަށާފައިވާ ނިރުބަވެރު ޢުދުވާނާ ގުޅިގެން، ގަލްފުގެ ޤާއުމުތަކާއެކު އޮތް ގުޅުންތައް ވަރަށް ތަފްޞީލީ ގޮތެއްގައި މުރާޖަޢާކުރަން ބޭނުންވާކަމަށް އީރާނުން ބުނެފިއެވެ.

އީރާނުން ސަޢުދީ ޢަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަލީ ރިޛާ ޢަނާޔާތީ ވިދާޅުވީ، މި ހަނގުރާމަ އާ ގުޅިގެން އީރާނާއި ގަލްފު ޤައުމުތަކާއެކު އޮންނަ ގުޅުމަށް ނޭދެވޭ އަޞަރުކުރުމާ ގުޅޭގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ނަމަވެސް، އަވައްޓެރި ޤައުމުތަކުގެ މެދުގައި ރަނގަޅު ގުޅުމެއް އޮތުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށާއި، ނަމަވެސް، އެ ގުޅުންތައް ވަރަށް ތަފްޞީލީ ގޮތެއްގައި މުރާޖަޢާކުރަންޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރޮއިޓަރސް ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޢަނާޔާތީ ވިދާޅުވި ގޮތުގައި، ފާއިތުވި ބައި ގަރުނުގެ ތެރޭގައި މެދުއިރުމަތީގައި ހާމަނުޖެހުމާއި ދެބަސްވުންތަކަށް ޖާގަ ލިބިފައިވަނީ ބޭރުގެ ބާރުތަކުން ނުފޫޒު ފޯރުވުމުގެ ފުރުޞަތު ދިނުމުންނެވެ.

އެހެންކަމުން، ގަލްފު ކޯޕަރޭޝަން ކައުންސިލްގެ ހަ މެމްބަރު ޤައުމާއި އީރާނާއި އިރާޤާ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް، ފުޅާކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ 28ގައި ފެށި ނިރުބަވެރި ޢުދުވާނާ ގުޅިގެން، އީރާނުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތް ކުރުމަށް އެ ޤައުމުގެ އަސްކަރިއްޔާއާއި އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ވަނީ ތެދުވެ، ރައްދު ޙަމަލާ ދޭން ފަށާފައެވެ. އެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީ ދައުލަތުގެ ރަށްތަކާއި، ގަލްފް ޢަރަބި ޤައުމުތަކުގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މަޞްލަޙަތުތަކަށެވެ.

މިގޮތުން، ފާއިތުވި ދުވަސްތަކުގައި ގަލްފުގެ ޤައުމުތަކަށް އެކަނި 2،000 އެއްހާ ވައިގެ ޙަމަލާ ޢަމާޒުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެތެރެއިން އެންމެ ގިނަ ޙަމަލާތައް ޢަމާޒުކޮށްފައިވަނީ އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީ އަށެވެ. އަދި ސަޢުދީގެ ތެޔޮ ކާރުޚާނާތަކަށް ވެސް ޙަމަލާތައް ޢަމާޒުވެ، އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

ނަމަވެސް، ޢަނާޔާތީ ވަނީ ސަޢުދީގެ ތެޔޮ އުފައްދާ ވިއުގަތަކަށް އީރާނުން ޙަމަލާދިން ކަމަށް އިންކާރުކުރައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ޙަމަލާތައް އީރާނުން ދިން ނަމަ، ފާޅުގައި އެކަން އިޢުލާނުކުރާނެއެވެ. އޭނާ ވިދާޅުވީ މި ހަނގުރާމައިގެ ތެރޭގައި ވެސް އީރާނާއި ސަޢުދީ އާ ދެމެދު ވާހަކަ ދެކެވޭ ކަމަށެވެ.

މި ހަނގުރާމަ ނިމުމަކަށް އަންނާނީ، ޢަނާޔާތީ ވިދާޅުވި ގޮތުގައި، އެމެރިކާ އާއި ޔަހޫދީން އީރާނަށް ޙަމަލާދިނުން ހުއްޓާލައި، ސަރަޙައްދީ ޤައުމުތަކުން މި ހަނގުރާމައިގެ ތެރެއަށް ވަނުން ހުއްޓުވައި، އަދި މުސްތަޤުބަލުގައި މިފަދަ ޢުދުވާނެއް އީރާނާ ދެކޮޅަށް ނުފެށޭނެކަމުގެ ޔަޤީންކަން ލިބުމުންނެވެ.