ޚަބަރު

ތެލުގެ އަގު އުފުލުމުން އައިއީއޭއިން އެމަޖެންސީ ސްޓޮކް ބާޒާރަށް!


ޔަހޫދީންނާއި އެމެރިކާއިން އީރާނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއެކު އީރާނުން ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމުން ތެޔޮ ލިބުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމުގެ ގޮތުން، ބައިނަލްއަޤްވާމީ ހަަކަތައާބެހޭ އިދާރާ، އައިއީއޭގެ އެމަޖެންސީ ރިޒާވުން 400 މިލިޔަން ފީފާގެ ތެޔޮ ބާޒާރަށް ނެރޭނެ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ގަލްފު ސަރަޙައްދާއި އިންޑިޔާ ކަނޑާ ގުޅުވައިދޭ ހުރުމުޒް ކަނޑުއޮޅިއަކީ އެ މަގެއް މެދުވެރިކޮށް ދުނިޔެއަށް ބޭނުންވާ ތެލުގެ 20 އިންސައްތަ އުފުލާ މައި މަގެކެވެ. ހަނގުރާމައިގެ މި ޙާލަތުގައި އެ ކަނޑުއޮޅި ހުރަސް ކުރުމަށް މަސައްކަތް ކުރާ އުޅަނދުފަ
ހަރަށް އީރާނުން ދަނީ ޙަމަލާ ދެމުންނެވެ. އެއާއެކު ގިނަ ޢަދަދެއްގެ އުޅަނދު ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

އައިއީއޭގެ މެންބަރު ޤައުމުތަކުގެ އަތުގައި 1.2 ބިލިޔަން ފީފާއަށްވުރެ ގިނަ ޢަދަދެއްގެ އެމަޖެންސީ ތެޔޮ ސްޓޮކު ހުރެއެވެ. އަދި ތެޔޮ ކުންފުނިތަކުގެ ރިޒާވްގައި 600 މިލިޔަނަށްވުރެ ގިނަ ފީފާ ސަރުކާރުތަކުން ހިފަހައްޓާފައި ހުރެއެވެ.

އައިއީއޭއިން ބުނީ އޭޝިޔާއާއި އޯޝެނިއާގެ ޤައުމުތަކުން ތެލުގެ ސްޓޮކު ވަގުތުން ލިބެން ހުންނާނެ ކަމަށާއި، ވިލާތާއި ދެކުނު އަދި އުތުރު އެމެރިކާގެ ޤައުމުތަކަށް ސްޓޮކު ލިބޭނީ މާރިޗު މަހުގެ ފަހުކޮޅުގައި ކަމަށެވެ. ސަރުކާރުތަކުގެ ސްޓޮކުގައި ހުރި ތެލުން 271.7 މިލިޔަން ފީފާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމުގެ ޔަޤީންކަން ޤައުމުތަކުން ދީފައިވާ ކަމަށް އައިއީއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ތެޔޮ ކުންފުނިތަކުގެ ރިޒާވް ސްޓޮކުން 111.6 މިލިޔަން ފީފާއާއި އެހެން މަސްދަރުތަކުން 23.6 މިލިޔަން ފީފާ ލިބޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އައިީއީއޭއިން ބުނީ 195.8 މިލިޔަން ފީފާ ހޯދަނީ އުތުރާއި ދެކުނު އެމެރިކާގެ މެންބަރު ޤައުމުތަކުން ކަމަށެވެ. އޭގެ ތެރެއިން 172.2 މިލިޔަން ފީފާއަކީ ސަރުކާރުތަކުގެ ސްޓޮކުން ހޯދާ ބައެއް ކަމަށް ވެސް ބުނެފައިވެއެވެ. އޭގެ އިތުރުން އޭޝިޔާ އޯޝެނިއާ ޤައުމުތަކުން 108.6 މިލިޔަން ފީފާ ދޭއިރު، އޭގެ ތެރެއިން 66.8 މިލިޔަން ފީފާއަކީ ސަރުކާރުތަކުގެ ސްޓޮކުން ނަގާ ބައެވެ. ވިލާތުން ވަނީ ސަރުކާރުތަކުން ދޫކުރާ 32.7 މިލިޔަން ފީފާ ހިމެނޭ ގޮތަށް ޖުމްލަ 107.5 މިލިޔަން ފީފާ ދޫކުރުމަށް އެެއްބަސްވެފައެވެ.