އެމެރިކާ އާ ގުޅިގެން ޔަހޫދީން އީރާނަށް ދެމުންދާ ޙަމަލާތަކުގައި، އީރާނުގެ އެކި ސަރަޙައްދުތަކުގައި ހުރި 150އަށް ވުރެ ގިނަ ސިއްޙީ މަރުކަޒަކަށް ގެއްލުންތައް ލިބި، ސިއްޙީ ފަރުވާގެ ނިޒާމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާ ކަމަށް ބުނެފިއެވެ.
އީރާނުގެ ތަސްނީމް ނޫހުން ބުނި ގޮތުގައި، އީރާނުގެ ސިއްޙީ ފަރުވާގެ ވިއުގައިގެ ތެރޭގައި ހިމެނޭ 153 ސިއްޙީ މަރުކަޒަކަށް މިހާތަނަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. އޭގެތެރޭގައި މެޑިކަލް ޔުނިވަރސިޓީތައް ވެސް ހިމެނޭކަމަށް އެ ނޫހުން ބުންޏެވެ.
މިގޮތުން، މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ އީރާނުގެ ހުޅަނގުގައި ހުންނަ ކަރްމަންޝާ ޔުނިވަރސިޓީގެ އިތުރުން އަޞްފިހާނަށެވެ.
ސިއްޙީ މަރުކަޒުތަކަށް ޢަމާޒުކޮށްދިން ޙަމަލާތަކުގައި މިހާތަނަށް 10 މީހުން ޝަހީދުވެ، 248 މީހުން ޒަޚަމްވެގެން ފަރުވާދެވިފައިވާކަމަށް ވެސް އެ ނޫހުން ބުންޏެވެ.
ފެބްރުއަރީ 28ވަނަ ދުވަހު ޔަހޫދީންނާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ފެށި ނިރުބަވެރި ޢުދުވާނުގައި، އީރާނުގެ އިސް މުރުޝިދު އާޔަތުالله ޢަލީ އަލް-ޚާމަނާޢީ ޝަހީދު ކޮށްލުމުން، އީރާނުން ވެސް ވަނީ އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ރައްދު ޙަމަލާ ދޭން ފަށާފައެވެ.
އީރާނުގެ އިތުރުން ޔަހޫދީން ދަނީ ލުބްނާނަށް ވެސް ހުއްޓުމެއްނެތި ނިރުބަވެރި ޙަމަލާތައް ދެމުންނެވެ. ޔަހޫދީ ފައުޖުން ލުބްނާންގެ ޢާންމު ރައްޔިތުންނަށް އަމާޒުކޮށް ޙަމަލާދޭން ފަށާފައި ވަނީ، އީރާނަށް ވާގިވެރިވުމުގެ ގޮތުން ލުބްނާނުގެ މުޖާހިދުންގެ ޖަމާއަތް، ޙިޒްބުاللهން ޔަހޫދީންނާ ދެކޮޅަށް ޙަމަލާ ދޭން ފެށުމުންނެވެ.
މިގޮތުން، އިއްޔެގެ ވަގުތެއްގައި ޔަހޫދީންގެ ނިރުބަވެރި ޙަމަލާއެއްގައި، ލުބްނާނުގެ ބުރުޖް ޤަލަވިއްޔާ ސިއްޙީ މަރުކަޒުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ސިއްޙީ ޚިދުމަތްތެރިން ޝަހީދުވެފައިވާކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯއިން ވަނީ ބުނެފައެވެ.
އެ މަރުކަޒުން ޝަހީދުވި 12 މީހުންގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި ޕެރެމެޑިކްސް ހިމެނޭކަމަށް އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ގެނެރަލް ޓެޑްރޯސް އަދްނޮމް ގެބްރެޔެސަސް ވިދާޅުވިއެވެ.
އަދި އަލް ސަވާނާ ސިއްޙީ މަރުކަޒަށް ޙަމަލާދީ ޝަހީދުކޮށްދި ދެ ޑޮކްޓަރުން ހިމެނޭ ގޮތަށް، ފާއިތުވު 24 ގަޑިއިރުގެ ތެރޭގައި ލުބްނާނުގެ ސިއްޙީ މަރުކަޒުތަކަށް ޔަހޫދީން ޙަމަލާދިނުމަކީ، މި ހަނގުރާމަ ވަރަށް ނުރައްކާތެރި ފައްތަރަކަށް ވެއްޓިފައިވުމުގެ ހެއްކެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފައެވެ.
ޔަހޫދީންގެ ނިރުބަވެރި ޙަމަލާތަކުގައި ލުބްނާނުން ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 770އަށް އުފުލިފައިވާއިރު، ގެދޮރު ގެއްލި މަގުމަތިވެފައިވާ މީހުންގެ އަދަދު ވެސް ވަނީ 800،000އަށް ވުރެ މަތިވެފައެވެ.