ޚަބަރު

މާމިގިލީ ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިމިއްޖެ


  • ޖުމްލަ 26 ޒުވާން ޚަޠީބުން ސަނަދު ހާސިލްކޮށްފަވޭ

  • 2 ޕްރޮގްރާމުން 300އަށްވުރެ ގިނަ ޚަޠީބުން ތަމްރީންކޮށްފަވޭ

އދ. މާމިގިލީގައި ކުރިއަށް ގެންދިޔަ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިމިއްޖެއެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށް، ޖުމްލަ 26 ޒުވާން ޚަޠީބުން ވަނީ ސަނަދު ޙާސިލްކޮށްފައެވެ.

މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ޒުވާނުންނަކީ މިހާރު މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުމާއި، ދީނީ އެކިއެކި ކަންކަމުގައި އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކެއް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރު ކުރުމުގެ ހުއްދަ ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް ހިންގި 2 ޕްރޮގްރާމުން 300އަށްވުރެ ގިނަ ޚަޠީބުން ތަމްރީން ކޮށްފައިވާ ކަމަަށް ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިޕްރޮގްރާމަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށާއި، މިޕްރޮގްރާމުން ސަނަދު ހާސިލްކުރާ ޚަޠީބުން މުޖުތަމަޢުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޚަތީބުން ތަމްރީނު ކުރުމެވެ.

މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްސަދަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ދީނީ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިދިނުމާއި، މިސްކިތްތަކުގެ މިންބަރުތަކުން ޒުވާން އަޑުތައް އިއްވުމަށް މަގުފަހިކޮށްދިނުމެވެ.