ޚަބަރު

ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމް ޤާއިމްކޮށްފި


  • މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި މި ނިޒާމް ޤާއިމްކޮށްފައިވޭ

ޕޮއިސްޑް ޕްރޮޖެކްޓުގެ ދަށުން ބ. ކަމަދޫގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމް ޤާއިމްކޮށް ނިމިއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ ޕްރި ޕެއަރިންގ އައުޓަރ އައިލެންޑްސް ފޯ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް (ޕޮއިސްޑް) ޕްރޮޖެކްޓުގެ ދަށުން، ބ. ކަމަދޫގައި ސޯލާ ޕީވީ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.

މި މަޝްރޫޢުގެ ދަށުން ކަމަދޫ ސްކޫލާއި، އެރަށު ފެނަކަ އިންޖީނުގޭގެ ފުރާޅުގައި ވަނީ ޖުމްލަ 198 ކިލޯވޮޓުގެ ސޯލާ ޕީވީ ސިސްޓަމް އިންސްޓޯލްކޮށްފައެވެ. މީގެ އިތުރުން، އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ރައްކާ ކުރުމަށްޓަކައި 160 ކިލޯ ވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ވެސް މިހާރު ވަނީ އެ ރަށުގައި ޤާއިމުކޮށް ނިންމާފައެވެ. މިއީ، ރާއްޖޭގެ ރަށްރަށުގައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި މުހިންމު މަޝްރޫޢެކެވެ.

މަސައްކަތުގެ ދަށުން ސޯލާ ޑީސަލް-ބެޓަރީ ހައިބްރިޑް ނިޒާމް މިހާތަނަށް 100 އަށްވުރެ ގިނަ ރަށުގައި ވަނީ ޤާއިމްކޮށްފައެވެ. އަދި މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކުން އުފައްދާ ކަރަންޓަށް ހެއްދެވުމަށް ގެންގުޅުއްވާ ތަސައްވުރެކެވެ.

ޕޮއިސްޑް ނުވަތަ "ޕްރިޕެއަރިންގ އައުޓަރ އައިލެންޑްސް ފޮރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް" ޕްރޮގްރާމަކީ، ދިވެހިރާއްޖެ ތެލަށް ބަރޯސާވާ މިންވަރާއި މިކަމަށް ކުރާ ޚަރަދު ކުޑަކޮށް ދިވެހިރާއްޖޭގެ ހަކަތައިގެ ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ.