އދ. ދިގުރަށުގައި ބިދޭސީން އުޅޭ އެކަމަޑޭޝަން އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގީ ހާރު ކެއުމަށް ކާއެއްޗެހި ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެންނެވެ. އެ ހާދިސާގައި މަރުވި އެންމެންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާޖު އުދިން އިސްލާމް އާއި ސާދަރު އަލީ އާއި ރޮބިން މޮއްލާ އާއި ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރްއެވެ.
ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ވިދާޅުވީ އަލިފާނުގެ ހާދިސާގައި މަރުވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެކަމަށެވެ. އެ ހާދިސާގައި ޖަމާލް އުދިން އާއި ސައްދާމް ހޮސެއިން ކިޔާ މީހަކަށް ވެސް އަނިޔާވެގެން އަންނަނީ ފަަރުވާދެމުންނެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ، ފިހިގެން ފަރުވާ ދެމުން އަންނަނީ 40 އަހަރާއި 21 އަހަރުގެ ދެ ފިރިހެނުންނަށްކަމަށެވެ. އެ ދެމީހުންނަށް އަދިވެސް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.
އެ މީހުންގެ ހާލު ބެލުމަށް، ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނަރު، ޑރ. އެމްޑީ ނަޒްމުލް އިސްލާމް އާއި އިތުރު އޮފިޝަލުން ވަނީ އައިޖީއެމްއެޗަށް ވަޑައިގެން އެމީހުންގެ ހާލު އޮޅުންފިލުވައިފައެވެ. އަދި އެ ހާދިސާގައި މަރުވެފައިވާ މީހުން ގަލޮޅު މޯޗަރީގައި ބައިތިއްބާފައި ވާއިރު އެތަނަށް ވެސް ސަފީރު ވަނީ ޒިޔާރަތްކުރައްވާފައެވެ. މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވެސް ހައި ކޮމިޝަނުން ވަނީ ގުޅައި އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
ފުުލުހުން ބުނެފައިވާ ގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ އެރޭ ދަންވަރު 1:57 ހާއިރު އެވެ. އަދި 1:58 ގައި ފުލުހުން އެ ސަރަހައްދަށް ދިޔައިރު ބަދިގެ ތެރެއިން ވަރަށް ބޮޑަށް އަލިފާނުގެ އަސަރު ފެންނަމުން ދިޔައެވެ. ގޭތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރަން ޖެހުނީ ފުލުހުންނާއި އާންމުން ގުޅިގެން ގޭގެ ބިތްދޮށު ފާރު ތަޅާލައިގެންނެވެ.