ޚަބަރު

ރަށުރަހަ: މިފަހަރު ބުނެދެނީ ހުތްމަސްކާށި ތައްޔާރުކުރާނެ ގޮތް!


  • މިފަހަރުގެ ޕްރޮގްރާމް ޚާއްސަކޮށްފައިވަނީ ރ. ހުޅުދުއްފާރުގެ ކެއުންތަކަށް

  • ޕްރޮގްރާމް ދައްކާނީ މިރޭ 10:00 ގައި

"ރަށުރަހަ" ޕްރޮގްރާމުގެ މިހާތަނަށް ގެނެސްދިން އެޕިސޯޑުތަކުގައިވެސް ވާނީ ދިވެހިންގެ ތެރޭގައި ތައްޔާރުކުރާ ބައެއް އެވޭލާ ކެއުންތައް ތައްޔާރުކުރާނެ ގޮތް ގެނެސްދީފައެވެ. މި ޕްރޮގްރާމުގެ 3ވަނަ އެޕިސޯޑު ޚާއްސަކޮށްފައިވަނީ ރ. ހުޅުދުއްފާރުގެ މިފަދަ ބައެއް ކެއުންތަކަށެވެ.

"ރަށުރަހަ" މި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ދިވެހިންގެ އެންމެ އެވޭލާ ކެއުންތަކާއި ރަހަތައް އަދި އޭރުގެ ކެއްކުމުގެ އާދަކާދަތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަން ބެލުންތެރިންނާ ހަމައަށް ޝައުގުވެރި ގޮތަކަށް ގެނެސްދިނުމެވެ.

މި ޕްރޮގްރާމުގައި ރާއްޖޭގެ ބައެއް ރަށްރަށަށް ޚާއްސަ ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާނެ ގޮތްތަކާއި އެ ކެއުންތަކާއި ބުއިންތަކުގެ ޚާއްސަކަން އެ ރަށްރަށުގެ ރައްޔިތުން މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ. އަދި ދިވެހި ކެއުންތަކުގެ ގޮތުގައި މިހާރު ތައްޔާރުކުރާ އެކި ކަހަލަ ކެއުންތަކާއި ބުއިންތައް ތައްޔާރުކުރާ ގޮތްތައްވެސް ގެނެސްދެވޭނެއެވެ.

މި ޕްރޮގްރާމުގެ 3 ވަނަ އެޕިސޯޑު ޚާއްސަކޮށްފައިވަނީ ރ. ހުޅުދުއްފާރަށެވެ.

މިފަހަރުގެ އެޕިސޯޑުގައި ހުޅުދުއްފާރުގައ ތައްޔާރުކުރާ ބައެއް ޚާއްސަ ކެއުންތައް ދައްކުވައިދޭނެއެވެ. ވަކިން ޚާއްސަކޮށް އެރަށަށް މަޝްހޫރު މަސްހުންޏެއްކަމަށްވާ "ހުތްމަސްކާށި" ތައްޔަރުކުރާނެގޮތް ފެނިގެންދާނެއެވެ.

މިއީ އެ ރަށަށް އަރާ މެހެމާނުންވެސް ވަރަށް ގަޔާވާ އެއްޗެއްކަމަށް ރަށުގެ މީހުން ފާހަގަކުރެއެވެ. އަދި ރަމަޟާންމަހު ގޭގެ ސުފުރާމަތިން ފެންނަ ތަފާތު މަސްހުންޏެއްގެ ގޮތުގައި އެރަށުގެ މީހުން ފާހަގަކުރެއެވެ. މި ޕްރޮގްރާމް ދައްކާނީ މިރޭ 22:00 ގައެވެ.


"ރަށުރަހަ" ޕްރޮގްރާމުގައި ދިވެހިންގެ އެވޭލާ ކެއުންތަކާއި ރަހަތަކުގެ އިތުރުން، އެތަކެތި ތައްޔާރުކުރުމުގައި ދިވެހިން ނަގާ ފޯރިއާއި، ޖޯޝު ފެނިގެންދާނެއެވެ. އަދި ރަށްފުށުގެ ހިތްގައިމުކަމާއި ޗާލުކަންވެސް ދައްކުވައިދޭނެއެވެ.

އާންމު މަސްމަހާ ޚިލާފަށް ރަމަޟާންމަހަކީ ދިވެހިންގެ ތެރޭގައި ކެއްކުމުގެ ފޯރިވެސް ގަދަވެގެންދާ ދުވަސްވަރެއްކަމުން، ތަފާތު އައު ބުއިމެއް ނުވަތަ ކެއުމެއް ތަޖުރިބާކޮށްލަން ޝަޢުގުވެރިވާނަމަ، މިިއީ ބަލާލަން ހިތްގައިމު ޕްރޮގްރާމަކަށް ވެގެންދާނެއެވެ. ޚާއްސަކޮށް ދިވެހި ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށް "ރަށުރަހަ" މިއީ ނުބަލާ ދޫކޮށްލާވަރުގެ ޕްރޮގްރާމެއް ނޫނެވެ.