ޚަބަރު

ފިޠުރު ޢީދުގައި ބޮކިފަތި ދިއްލުން މިފަހަރު ސިޓީތަކުގައި!


  • ޢީދަށް ދިއްލާނީ 5 ސިޓީގައި ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި

  • މިއަހަރުވެސް ޢީދު ހަވީރު ކުރިއަށްދާނެ

ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް ރާއްޖޭގެ ރަށްތައް ޒީނަތްތެރިކުރުމަށް ހިންގާ ޢީދު އަލި ހަރަކާތް، ހަމައެކަނި ވަކި ސަރަހައްދުތަކެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދިމާވެދާނެ ކަންކަމަށް ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރިއަށްއޮތް ފިޠުރު ޢީދުގައި ރާއްޖޭގެ ރަށްތައް ދިއްލާލުމާއި ގުޅޭގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކުރައްވާފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، މެދުއިރުމަތީގެ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އިޤްތިޞާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް، މިފަހަރުގެ ޢީދުގައި އަތޮޅުތަކުގެ ރަށްރަށުގައި ބޮކިފަތި ހަރުނުކުރާނެ ކަމަށެވެ.

"ފިތުރު ޢީދު ދިއްލުން ރަށްރަށުގައި މިވަގުތު ނުބާއްވާ ގޮތަށް، ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިއަށް ގެންދާ ގޮތަށް. އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި." ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ މި ނިންމުމާއެކު، ޢީދު ބޮކިތަކުން ދިއްލާލާނީ މާލެ ސިޓީގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައެވެ. މީގެ ކުރިން ބޮޑު ޢީދާ ދިމާކޮށް ރާއްޖޭގެ 60 އަށްވުރެ ގިނަ ރަށްރަށުގައި ސަރުކާރުގެ ޚަރަދުގައި ބޮކިފަތި ދިއްލާފައިވީ ނަމަވެސް، މިފަހަރު އެ ހަރަކާތް ވަނީ ވަރަށް ބޮޑަށް ހަނިކޮށްފައެވެ.

ޢީދާ ދިމާކޮށް މަގުތަކުގައި ބޮކިފަތި ދިއްލުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވިއިރު 2023 ވަނަ އަހަރު ފެއްޓެވި ކަމެކެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މިދިޔަ އަހަރުގެ ބޮޑު ޢީދުގައި ރާއްޖޭގެ 65 ރަށެއްގައި ވަނީ ބޮކިފަތި ދިއްލައި، އީދުގެ ފޯރި ގަދަކޮށްފައެވެ.

ފިޠުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ޢީދު ހަވީރު ހަރަކާތް މިއަހަރު ބޭއްވުމަށް ވަނީ ނިންމާފައެވެ. ކުރީ އަހަރޭ އެއްގޮތަށް މިއަހަރުގެ ޢީދު ހަވީރުގެ ތެރެއިން ސިޓީތަކާބެހޭ ވުޒާރާއާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުގައިވެސް ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެންނެވެ.