ޚަބަރު

މަސްތުވާތަކެއްޗާއި ހަތިޔާރު ހުރި މަސްބޯޓުތަކެއް ލަންކާއިން އަތުލައިގެންފި


650 ކިލޯގެ މަސްތުވާތަކެެއްޗާއި ގިނަ ޢަދަދެއްގެ ހަތިޔާރު ހުރި މަސް ދޯނިތަކެއް ސްރީ ލަންކާގެ ކަނޑުގެ ސިފައިން އަތުލައިގެންފިއެވެ. މިއީ ލަންކާ ސިފައިން ކަނޑުމަތިން މިހާތަނަށް ހަތިޔާރު އެންމެ ގިނައިން އަތުލައިގަތް ފަހަރެވެ. 

ސްރީ ލަންކާގެ ނޭވީ އިން ބުނީ އެ އުޅަނދުތައް ހިފަހައްޓާފައި ވަނީ ކަނޑުމަތީގެ ޚާއްޞަ ޤަައުމީ އޮޕަރޭޝަނެއް ކަމަށްވާ “އަ ނޭޝަން ޔުނައިޓެޑް”ގެ ދަށުން، މާރިޗު މަހުގެ 12ވަނަ ދުވަހު ކަމަށެވެ. އެ ޙަރަކާތުގެ ދަށުން ދެ މަސް ދޯނި ހުއްޓުވާފައިވާ ކަމަށާއި، ދިހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސްރީ ލަންކާއިން ބުނެއެވެ.

އުޅަނދުތަކުން އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި 478 ކިލޯގެ ކްރިސްޓަލް މެތަމްފެޓަމައިންއާއި 176 ކިލޯގެ ހެރޮއިން ހިމެނެއެވެ. މަސްތުވާތަކެތީގެ އިތުރުން އަށް ފިސްތޯލަ އާއި އޭގެ ދެ މެގަޒިން އާއި ޓީ56 ގެ ދެ އެސޯލްޓް ރައިފަލް އާއި އެމް16 އެއް ވެސް ފެނިފައިވެ އެވެ. އަދި ބައެއް މުއާސަލާތީ ސާމާނު ވެސް ފެނިފައިވެއެވެ.

2025ވަނަ އަހަރުގެ ތެރޭގައި ސްރީ ލަންކާއިން ވަނީ 136 ޑްރަގު ބޯޓު އަތުލައިގެންފައެވެ. އެ އުޅަނދުތަކުން 75 ބިލިއަން ސްރީލަންކަން ރުޕީސްގެ ޑްރަގު ފެނިފައިވެއެވެ. މި އަހަރުގެ މިހާތަނަށް ވެސް 14 ބޯޓު އަތުލައިގެންފައިވެއެވެ.