ޔަހޫދީންނާއި އެމެރިކާއާ ގުޅިގެން އީރާނަށް ދެމުންދާ ޙަމަލާތަކުގެ ރައްދުގައި އެ ޤައުމުން ޙަމަލާތައް ދިނުމުގެ މަތީގައި ދެމިތިބޭނެ ކަަމަށާއި، ހުރުމުޒް ކަނޑޮއޮޅި ބަންދުކޮށްފައި ބާއްވާނެ ކަމަށް އީރާނުގެ އައު ރޫޙީ ވެރިޔާ، މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
ހުސްވި ފެބްރުއަރީ މަހުގެ 28ވަނަ ދުވަހު ޔަހޫދީންނާއި އެެމެރިކާއިން އީރާނަށް ދޭން ފެށި ޙަމަލާތަކުގައި އޭރު އީރާނުގެ ރޫޙީ ވެރިޔާގެ މަޤާމުގައި ހުންނެވި އާޔަތުالله ޢަލީ ޚަމަނާއީ ވަނީ އަވަހާރަވެފައެވެ. އެއާއެކު، އައު ރޫޙީ ވެރިޔާގެ މަޤާމަށް އީރާނުން މިހާރު ވަނީ އޭނާގެ ދަރިކަލުން، މުޖުތަބާ ޚާމަނާއީ ޢައްޔަކުކޮށްފައެވެ.
މަޤާމާ ޙަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ރައްޔިތުންނާ މުޚާތަބު ކުރައްވައި ނެރުއްވި ބަޔާނުގައި މުޖުތަބާ ވިދާޅުވީ އީރާނުގެ އަވަށްޓެރި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަަންދުކުރަން ޖެހޭ ކަމަށެވެ. އީރާނަށް އަމާޒުވަމުންދާ ޙަމަލާތަކުގެ ބަދަލުގައި އީރާނުން ރައްދު ޙަމަލާތައް އެ މަރުކަޒުތަކަށް ދެމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ޝަހީދުވި މީހުންގެ މަރަށް ބަދަލު ހިފާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ ކާމިޔާބުކަމާއެކު އީރާނުން މިހާރު ވެސް ބޭނުން ކުރަމުންދާ ދިފާޢީ އުކުޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބޭނުންކުރަމުން ދިޔުމަށް ގިނަ ރައްޔިތުން އެދޭ ކަމަށެވެ. އަދި ހުރުމުޒް ކަނޑުއޮޅި ހަތިޔާރަކަށް ހަދައި، އެ މަގު ބަންދުކޮށްފައި ބާއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހުރުމުޒް ކަނޑުއޮޅިއަކީ ތެލާއި ގުދުުރަތީ ގޭސް ދުނިޔޭގެ އެކި ސަރަޙައްދުތަކަށް އުފުލުމަށް ބޭނުންކުރާ މައި އެއް މަގެވެ. ޔަހޫދީންނާއި އެމެރިކާއިން ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ އެ ކަނޑުއޮޅި އެއްވެސް އުޅަނދަކަށް ހުރަސް ނުކުރެވޭނެ ކަމަށް އިޢުލާނުކޮށް، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. އެ ސަރަޙައްދުން ދަތުރުކުރަން މަސައްކަތް ކުރި އުޅަނދުތަކަށް އިންޒާރާ އެއްގޮތަށް އީރާނުން ޙަމަލާ ދީފައިވެއެވެ. އެ ކަނޑުއޮޅި ބޭނުން ނުކުރެވުމުގެ ސަބަބުން ގިނަ ޢަދަދެއްގެ ތެޔޮ ޓޭންކަރުތައް ވަނީ އެ ސަރަޙައްދުގައި ތާށިވެފައެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.
ޤައުމާ މުޚާތަބުކުރައްވާ ވީޑިޔޯ މެސެެޖެއް ފޮނުުއްވުމުގެ ބަދަލުގައި ރޫޙީ ވެރިޔާގެ ބަޔާން އިއްވާފައި ވަނީ ޕްރެސެންޓަރުންނެވެ. އެ ގޮތަށް ޢަމަލުކޮށްފައިވާ ސީދާ ސަބަބު ސާފު ނުވި ނަމަވެސް ބައްޕާފުޅު ޝަހީދުވި ޙަމަލާތަކުގައި އޭނާއަށް ވެސް ކުދި ޒަޚަމްތަކެއް ވެފައިވާ ކަމަށް ބެލެވެއެވެ. އެ ޙަމަލާތަކުގައި މުޖުޠަބާގެ އަނބިކަނބަލުންނާއި ކޮއްކޯފުޅާއި ޢާއިލާގެ އެހެން މެންބަރުން ވެސް ޝަހީދުވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.