ޚަބަރު

މަސްތުވާތަކެއްޗާއެކު އައްޑޫ ސިޓީން މީހަކު ހައްޔަރުކޮށްފި


  • އެމީހާ ހައްޔަރުކުރީ މާރިޗު މަހުގެ 10 ވަނަ ދުވަހު

  • 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އައްޑޫ ސިޓީ މީދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. މީދޫ، ރޯސްވިލާ، މުޙައްމަދުދީދީ (41އ)އެވެ. މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.

މި މައްސައާ ގުޅިގެން މުޙައްމަދުދީދީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.‏ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.