ޚަބަރު

ޙައްޖު އަދި ޢުމްރާވެރިންގެ ޚިދުމަތުގައި ޙުސެންބެ 10 އަހަރު


  • ޙުސެއިނުގެ ޙައްޖު ކޯޕަރޭޝަނާ ގުޅުނީ 2019 ގައި

  • އޭގެކުރިން މަސައްކަތްކުރީ އަމިއްލަ ޖަމާޢަތެއްގައި

ދުނިޔޭގެ ކޮންމެ ތަނެއްގައި ތިއްބަސް ކެއިން ބުއިމަކީ ދިވެހީން އަބަދުވެސް ސަމާލުވާ މުހިއްމުކަމެކެވެ. ދިވެހި ރަހަތަކަށް ދިވެހިން ސަމާލުވެއެވެ. އެންމެ ބޮޑު ހެއްކަކީ ކުރު ޗުއްޓީއަށް ދާއިރުވެސް މަސްދަޅާއި ރިހާކުރުފަދަ ތަކެތި ފޮއްޓަށް އަޅަން ދިވެހީން ބޭނުންވާތީއެވެ. އެހެންކަމުން ޙައްޖާއި ޢުމްރާއަށް އަންނަ ދިވެހީންނަށް ކެއުމާ މެދު ނުވިސްނާ އަޅުކަމަށް ސަމާލުވެވޭނެހެން ކެއިންބުއިން ބައްޓަންކުރުމަށް ޙައްޖު ކޯޕަރޭޝަނުން ޚާއްސަ ސަމާލުކަމެއްދެއެވެ. ވޭތުވެދިޔަ 10 އަހަރު އެމަސައްކަތުގެ މޭސްތިރިއަކީ ޙުސެއިނުބެއެވެ.

ޙުސެއިން ރަޝީދު ނުވަތަ އެންމެންގެ ޙުސެއިނުބެ އަކީ ޙައްޖު ކޯޕަރޭޝަންގެ ބޮޑު ކައްކާއެވެ. ޙުސެއިނުބެ މޭސްތިރިކަމުގެ ދަށުން ޙައްޖާއި ޢުމްރާގެ އަޅުކަމަށް މައްކާއަށް އަންނަ، އެތައް ދިވެހީންނަކަށްވަނީ ޤައުމާއި ދުރުގައިނަމަވެސް ދިވެހި ރަހަތަށް ފޯރުކޮށްދީފައެވެ.

ޙުސެއިނުބެގެ ވާހަކަ ފެށެނީ ބޯޓު ދަތުރުކުރަންގޮސް އުޅުނު ހިސާބުންނެވެ. އޭރުވެސް ކައްކާއެކެވެ. އެމަސައްކަތް ހުއްޓުނު ނަމަވެސް ނުހުއްޓުނީ ޙުސެއިނުބެ ކެއްކުމެވެ. މީގެ 10 ވަރަކަށް އަހަރުކުރިން ރާއްޖޭގެ އަމިއްލަ ޖަމާޢަތެއްގައި ޙައްޖަށް އައި 300 އެއްހާ މީހުންނަށް ކައްކައިދިނުމުގެ ފުރުސަތު ލިބިގެން ދިޔުންވީ ޙުސެއިނުބެ މައްކާގައި ދިވެހި ރަހަތަށް ގެނެސްދިނުމުގެ ދަތުރުގެ ފެށުމަކަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ބޮޑު ކައްކާއަކަށް ޙުސެއިނުބެ އައީ 2019 ގައެވެ. މިވޭތުވެދިޔަ 7 އަހަރުގެ ތެރޭގައި ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މައްކާއަށް އައި ދިވެހީންނަށް، ދިވެހި ރަހަތަށް ގެނެސްދިނުމަށް ޙުސެއިނުބެ ހުރީ އަތުކުރި އޮޅާލައިގެންނެވެ. ޙުސެއިނުބެ ބުނީ، ރަމަޟާން މަސްކަމަށްވުމުން ގިނަ ދިވެހީންނަށް ހެދިކާ ކަމުދާކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހެއްގެވެސް ސުފުރާމަތިން ހަތަރު ވަރަކަށް ބާވަތުގެ ހެދިކާ ފެންނާނެއެވެ. އޭގެ އިތުރުން ރިހައާއި ގަރުދިޔަ، ރިހާކުރު، ބަތްޕެން ފަދަ ރަހަތަކާއި ދިވެހީންގެ ގިނަ ބަޔަކަށް ކަމުދާ ޓުމާޓޯ ބަތް ފަދަ ބާވަތްތައް ސުފުރާއިން ފެންނަން ހުރެއެވެ.

"މެނޫގައި އެންމެ ސަމާލުކަން ދެނީ ދިވެހި ރަހަތަށް ގެނެސްދިނުމަށް. ދިވެހީން ޤައުމާއި ދުރުގަ ނަމަވެސް ބޭނުންވާނީ ދިވެހި ރަހަތަށް. އެހެންވީމަ އަޅުކަމުގައި މިކޮޅުގައި އުޅޭއިރުވެސް އަޅުގަނޑުމެން ބަލަން އެހެން ބޭއްވޭތޯ. އެބޭފުޅުންނަށް އިޙްސާސްނުކުރެވޭނެ މިހާރުވެސް ކާއިރު މިއީ ރާއްޖޭގައި ގޭގެ ނޫނޭ މިކެވެނީ." ޙުސެއިނުބެ ބުންޏެވެ.

މިއީ ރަމަޟާން މަސްކަމަށްވުމުން ޙުސެއިނުބެ ޓީމުން ކެއްކުމުގެ ކަންކަން ރޯދަވެރިން ރޯދަ ވީއްލާ ގަޑިއާ ދިމާކޮށް ނިންމާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ކުރިން މޭޒުމައްޗަށް ނަގައެވެ. ހާރު ދަމަށްވެސް ހޫނުކޮށް ހުންނަ ގަރުދިޔައާއި ހަނާކުރި މަސް އަދި ރިހަ ފަދަ ބާވަތްތައް ސުފުރާއަށް ގެނެއެވެ.

ޙުސެއިނުބެގެ މައްކާ ބަދިގެއިން އެތައް ދިވެހީންނަކަށް ޚިދުމަތްދެއެވެ. ކޯޕަރޭޝަންގެ ހަވާލުގައި އަންނަ މީހުންނާއި، ޙައްޖު ކޯޕަރޭޝަނުން ކެޓަރިން ޚިދުމަތްދޭ އެހެން ޖަމާޢަތްތަކުގެ މީހުންނަށްވެސް ދެއެވެ. އެގޮތުން މިދިޔަ ޑިސެންބަރު މަހު ޢުމްރާ މޫސުމުގައިވެސް 1700 އެއްހާ ދިވެހީންނަށް ޙައްޖު ކޯޕަރޭޝަންގެ މައްކާ ބަދިގެއިން ޙުސެއިނުބެވަނީ ދިވެހި ރަހަތަށް ފޯރުކޮށްދީފައެވެ.