ތިން ލަނޑުން އޭނާގެ ޓީމު ބަލިވި ނަމަވެސް މި ނަތީޖާ އަށް ވުރެ މެންޗެސްޓާ ސިޓީގެ ކުޅުން މާ ރަނގަޅު ކަމަށާއި މީގެ ހަފުތާއެއް ފަހުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ބަލިކުރެވިދާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ރެއާލްގެ ސެންތިއާގޯ ބާނަބައުގައި 3-0އިން ބަލިވި މެޗަށް ފަހު ގާޑިއޯލާ ބުނީ ސިޓީގެ އިއްތިހާދުގައި ނަތީޖާ އަނބުރާ ލެވިދާނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
"ފުޓްބޯޅައިގައި ވާނެ ގޮތެއް އެކަކަށް ވެސް ނޭނގޭނެ. އަހަރެންނަށް ވިސްނެނީ އަހަރުމެންގެ މީހުންގެ ގާތުގައި ކުޅެގެން ނަތީޖާ އަބުރާލެވިދާނެ ކަމަށް. މިވަގުތު އަހަރުމެން ކުރަންވީ ކަމަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވެ (އިނގިރޭސި ލީގުގައި) ވެސްޓް ހަމް ބަލި ކުރަންވީ،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ކެޕްޓަން ބެނާޑޯ ސިލްވާ ބުނީ މެޗު ފެށި ވަރަށް ރަނގަޅަށް ކަމަށާއި ނަމަވެސް ރެއާލްގެ ސްޕޯޓަރުންގެ ކުރިމަތީގައި ބައިކޮޅަށްވަން ފުރަތަމަ ލަނޑާއެކު އިރުބާރު ގެއްލުނީ ކަމަށެވެ.
"އަހަރެން ބުނާނެ ވާހަކައެއް ނެތް. ޔަގީންވާ ކަމަކީ އަހަރުމެން މެޗު ފެށީ ރަނގަޅަށް ކަން. އަދި ފުރަތަމަ 10 ވަރަކަށް މިނިޓް ކޮންޓްރޯލް ކުރީ ވެސް އަހަރުމެން. އެ މީހުން ޖެހި ލަނޑާއެކު އަހަރުމެންނަށް މެޗު އުނދަގޫވި. ހާއްސަކޮށް އެ މީހުންގެ ސަޕޯޓަރުންގެ ސަބަބުން. މިއީ އެންމެ އުނދަގޫ އެއް ދަނޑު ކުޅެން. (އިނގިރޭސިވިލާތުގެ ލިވަޕޫލްގެ) އެންފީލްޑާއި (ނިއުކާސަލްގެ) ޖޭމްސް ޕާކަކީ ކުޅެން އުނދަގޫ ދަނނޑުތައް،" ބެނާޑޯ ސިލްވާ ބުންޏެވެ.
އޭނާ ބުނީ ތިން ލަނޑުން ބަލިވުމުން ނަތީޖާ އަނބުރާލަން ދަތިތަކެއް ހުންނާނެ ކަމަށާއި ނަމަވެސް މިއީ ބަދަލު ނުކުރެވޭނެ ނަތީޖާއެއް ނޫން ކަމަށެވެ.
"ފުޓްބޯޅައުގައި މޮޅުވާނީ ގަދަ އަޅައި މަސައްކަތް ކުރާ މީހުން. އަހަރުމެން މި ތިބީ ގިތް ދޫކުރާ ގޮތަކަށް ނޫން. އަހަރުމެން މި މެޗު އަލުން ބަލައި ހެދުނު ގޯސްތައް ރަނގަޅު ކުރާނަން،" ބެނާޑޯ ސިލްވާ ބުންޏެވެ.